ޚަބަރު

ޗައިނާގެ ޝިއާމެން އެއަރގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި


  • ޝިއާމެން އެއަރއިން ރާއްޖެއަށް ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެ

  • މިއެއަރލައިނުން ވަނީ މިދިޔަ ފެބުރުއަރީ މަހު ޗާޓަރު ދަތުރުތައް ފަށާފައި

ޗައިނާގެ ޝިއާމެން އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ޗައިނާގެ ޝިއާމެން އެއަރލައިންގެ ޝެޑިއުލް ފުރަތަމަ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޝިއާމެން އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމާއި ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި އެއެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝިއާމެން އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ޝެޑިއުލް 3 ދަތުރު ކުރާނެއެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ ބީ737-800 މަރުކާގެ 169 ސީޓުގެ ބޯޓެވެ. ޝިއާމެން އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން އެއަރލައިނުންވަނީ ރާއްޖެއަށް ޗާޓަރ ދަތުރުތައް ފަށާފައެވެ. ޝިއާންމެން އެއަރއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއާންމެން ސިޓީން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ޗައިނާގެ ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.