މިއަހަރު އޭލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ނޫސްވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެންބަރު މޫސާ ރަޝީދު ވިދާޅުވީ އެ ކައުންސިލުން ކުރިއަށްގެންދާ ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުން މޮޅަށް ލިޔާ ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ދަރިވަރުންގެ ތެރެއިން ސްކޫލް ނިންމުމަށްފަހު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަންސާހަކަށް ދަރިވަރުން ފާހަގަކުރެވިފައިވާތީ މިވަގުތަށް ނިންމާފައިވަނީ އެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް އެކަނި އިންޓާންޝިޕަށް ހުޅުވާލަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސާ ރަޝީދު ވިދާޅުވީ މިއަހަރުގެ އޭލެވެލް އިމްތިހާން ނިމޭ ދުވަސްވަރާ ދިމާކޮށް އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލަން މީޑިއާ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަަށް މިއަހަރުގެ އޮކްޓޫބަރު މަހު އިންޓާންޝިޕަށް އިޢުލާނުކުރާނެކަމަށެވެ.
"އަޅުގަނޑުމެން ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގުރާމުގެ ދަށުން ދަރިވަރުން ތަމްރީންކުރަނީ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް އެކުދިންނަށް ދަސްކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން. މިގޮތަށް އަލަށް ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނަ ކުދިން ވާނީ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފަހައްޓާ ބަޔަކަށް." މޫސާ ރަޝީދު ވިދާޅުވިއެވެ.
މީޑިއާ ކައުންސިލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލުމުގެ ކުރިން މި ޕްރޮގުރާމުގައި ބައިވެރިވާން މީޑިއާތަކަށް ހުޅުވާލެވޭނެ ކަމަށާއި ދަރިވަރުންނަށް ފުރުޞަތު ދޭނީ ޕްރޮގުރާމުގައި ބައިވެރިވާ މީޑިއާތަކުންކަމަށް މީޑިއާ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ޕްރޮގުރާމްގައި މީޑިއާތަކަށް ބައިވެރިވެވޭނީ ވަކި ޝަރުތުތަކަކަށް އެއްބަސްވެގެން ކަމަށް މޫސާ ރަޝީދު ވިދާޅުވިއެވެ. އެގޮތުން ވަކި ދުވަހެއް ވަންދެން އެ ދަރިވަރެއް މީޑިއާގައި ގެންގުޅޭނެކަމަށާއި މުސާރައިގެ ގޮތުގައި ވަކި މިންވަރެއް ދޭނެކަމަށް މީޑިއާތަކުން އެއްބަސްވާންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީޑިއާ ކައުންސިލުން ވިދާޅުވީ މިއަހަރާއި މިދިޔަ އަހަރު ހިންގުނު ނޫސްވެރިކަމަށް ދަރިވަރުން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ތެރެއިން 241 ދަރިވަރަކު މަޢުލޫމާތު ދެވުނުކަމަށެވެ.