އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގަށް އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި ތާލިބާން ޖަމާއަތުގެ ލީޑަރު މުއްލާ އަޚްތަރު މަންސޫރު މަރާލެވިއްޖެކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ މަސްއޫލުވެރިއަކު ވިދާޅުވީ އެހަމަލާ ދިނީ މުއްލާ އުމަރު މަރާލުމަށް ޚާއްސަކޮށްގެން ކަމަށާ އެއީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެކަމަށް އެއްބަސްވެ ވަޑައިގަތުމުން ދިން ޙަމަލާއެއް ކަމަށެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގަށް އެމެރިކާގެ ޑްރޯން މަތިންދާ ބޯޓަކުން ޙަމަލާދިނީ ހޮނިހިރުދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާ އެޙަމަލާގައި ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަރާލެވުނު ކަމަށް ބެލެވޭކަމަށް އެމެރިކާ ބުނިނަމަވެސް އެމެރިކާއަށް އެކަން ކަށަވަރުކޮށް ދެވިފައެއް ނުވެއެވެ. ޕެންޓަގަންގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ވިދާޅުވީ އެޙަމަލާދިނީ ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު ހުރިތަނަށް ކަމަށާ އެޙަމަލާގައި ބަޔަކު މަރުވެފައިވާއިރު އެމީހުންގެ ތެރޭގައި މުއްލާ އަޚްތަރު ހިމެނޭކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެޙަމަލާގައި މަރުވިމީހުންނާއި ލިބުނު ގެއްލުންތައް ޖާސޫސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން މިހާރަށްވުރެ އިތުރަށް ބަލަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ތާލިބާނުންނާއި އަލްގާއިދާގެ ލީޑަރުންނާ އަދި ހަނގުރާމަ ވެރިން މެރުމުގެ ނަމުގައި އަފްޣާނިސްތާނަށާއި ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ޑްރޯން ޙަމަލާތަކުގައި އާންމު ގޮތެއްގައި މަރުވަމުންދަނީ އެދެގައުމުގެ ކުށެއްނެތް އާންމުންނެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް ވަކި ބަޔަކު ގަސްދުގައި މެރުމުގެ މަޤްޞަދުގައި އެމެރިކާއިން ދޭ މިބާވަތުގެ ޑްރޯން ޙަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުގައި ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ހަމަލާތަކެކެވެ. އެހެންކަމުން މިވާބަތުގެ ޑްރޯން ޙަމަލާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ ކޯޓަށް ޙާޒިރުކޮށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ތުހުމަތުގައި އެމެރިކާގެ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނެކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފިއްތުންތަކާ އަދި މިފަދަ ޙަމަލާތަކާދެކޮޅަށް ޕާކިސްތާން ސަރުކާރުން އަޑުއުފުލުމުގެ ސަބަބުން އެމެރިކާއިން ވަނީ ޕާކިސްތާނަށްދޭ ޑްރޯން ޙަމަލާތައް ފަހަކަށް އައިސް ވަރަށްބޮޑަށް މަދުކޮށްލާފައެވެ. ހޮނިހިރުދުވަހު އެމެރިކާ ދިން ޑްރޯން ޙަމަލާގައި ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރު މަރާލެވުނު ކަމަށް އެމެރިކާ ބުނިނަމަވެސް ތާލިބާނުންގެ ޒައާމަތުން ވަނީ އެކަން ދޮގުކޮށްފައެވެ.
ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އެމެރިކާގެ ޑްރޯން ޙަމަލާގައި މުއްލާ އަޚްތަރު މަރުނުވާކަމަށާ އެހަމަލާ އަމާޒުކުރިތަނުގައި އޭނާ ނުވެސް އުޅުއްވާ ކަމަށެވެ. ތާލިބާނުންގެ ޒައީމް މުއްލާ އަޚްތަރަކީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅިފައިވާ ސަރަހައްދީ ރޮނގާއި އެސަރަހައްދުގެ ކައިރިން ވަރަށް ގިނައިން ދަތުރުކުރައްވާ ބޭފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މުއްލާ އަޚްތަރު ތާލިބާނުންގެ ޒައީމްކަމާ ހަވާލުވީ އެޖަމާއަތުގެ ބާނީ އަދި ތާރީޚީ ޒައީމް މުއްލާ މުހައްމަދު އުމަރު މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މަރުވުމާ ގުޅިގެނެވެ.
މުއްލާ އުމަރު މަރުވީ ބައްޔެއްގައި އުޅުމަށްފަހު ތަބީއީ ގޮތުންކަމަށް ޚަބަރުތައް ބުނެއެވެ. މުއްލާ އުމަރުގެ ޒައާމަތުގައި ދެހާސް ދިހައަކުން ދެހާސް ފަނަރައަށް މުއްލާ އަޚްތަރަކީ ތާލިބާނުންގެ ނައިބު ޒައީމެވެ. އަދި މުއްލާ އުމަރުގެ ވެރިކަމުގެ އެންމެ ފަހުގެ އަހަރުތަކުގައި ތާލިބާނުންގެ ހަގީގީ ޒައީމެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީވެސް މުއްލާ އަޚްތަރުއެވެ.