ޚަބަރު

ޙަމާސްގެ ޖަމާޢަތުގެ ވެރިޔާ ޙަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި


  • ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު

  • ޙަނިއްޔާ ޝަހީދުކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު

އިސްރާޢީލުގެ ޔަހޫދީންނާ ދެކޮޅަށް ފަލަސްޠީންގެ މުސްލިމުންގެ ޙައްޤުގައި ޖިހާދުކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ޙަނިއްޔާގެ މައްޗަށް ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.

އީރާންގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޙަނިއްޔާގެ މައްޗަށް ދިވެހިރާއްޖޭގެ ބައެއް މިސްކިތްތަކުގައި މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ. ރާއްޖޭގެ އިތުރުން ޙަނިއްޔާގެ މައްޗަށް ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ.

ޔަހޫދީން ޙަނިއްޔާ ޝަހީދުކޮށްލުމާގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ދުނިޔޭގެ ޤައުމުތަކުގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިންސާނީ ހައްޤުތަކާގުޅޭ ޤާނޫނުތައް ނަގަހައްޓަން ޖެހޭކަމަށް ގޮވާލައްވާފައެވެ. އަދި ޢައްޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަޙައްދުގައި ސުލްހަ މަސަލަސްކަން ޤާއިމްކުރަން ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.

އިސްމާޢީލް ހަނިއްޔާގެ ޖަނާޒާ ބާއްވައިފައިވަނީ އީރާނުގެ ތަހްރާން ޔުނިވަރިސިޓީގައެވެ. މި ކަށު ނަމާދުގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ. ހަނިއްޔާގެ ކަށު ނަމާދު އިމާމުވެ ކުރައްވާފައި ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ. ނަމާދަށް ފަހު ހަނިއްޔާގެ ހަށިގަނޑު ފަސްދާނުލުމަށް އޭނާ ދިރިއުޅުއްވާ ޤަޠަރަށް ވަނީ ގެންގޮސްފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެ ހިތާމައިގައި ބައިވެރިވުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ތަހްރާންގެ މަގުތަކަށް ވެސް ނިކުމެފައެވެ.