ޚަބަރު

އަނަންތާރާގެ މުވައްޒަފުން އޯޓިޒަމް ކުދިންނާއެކު އެއް ދުވަސް


އަނަންތާރާ ހޮޓެލްސް، ރިޒޯޓްސް އެންޑް ސްޕާގެ ސީ.އެސް.އާރް ޕްރޮގްރާމްގެ ދަށުން، މާލޭ އޯޓިޒަމް ސެންޓަރަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަށް މަސައްކަތް ކުރައްވާނޭކަމަށް އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އެ ރިސޯޓްގެ ޢާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގި ޙަރަކާތުގެ ދަށުން، މާލޭ އޯޓިޒަމް ސެންޓަރަށް އެރިސޯޓްގެ މުވައްޒަފުން އިއްޔެ ކުރި ޒިޔާރަތުގެ ތެރެއިން ޕީ.އެސް.އެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ. އަނަންތާރާ ހޮޓެލްސް، ރިޒޯޓްސް އެންޑް ސްޕާ ހިންގަމުންދާ މައިނަރ އިންޓަނޭޝަނަލްގެ ޗެއަރަމަން ވިލިއަމް ހެއިނެކޭގެ އުފަންދުވަހާ ދިމާކޮށް، އަނަންތާރާ ރިސޯޓުން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށް ގެންދެއެވެ. img:http://s4.psmnews.mv/images/660x400/14639862114373.jpg|އަނަންތަރާގެ މުވައްޒަފުން އޯޓިޒަމް ކުދިންނާއެކު ވަގުތު ހޭދަކުރުން - ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ މާލެ އޯޓިޒަމް ސެންޓަރަށް އެރިސޯޓްގެ މުވައްޒަފުން މިއަދު ޒިޔާރަތް ކުރީވެސް މި ޙަރަކާތްތަކުގެ ދަށުންނެވެ. މި ޒިޔާރަތުގައި އެ ސެންޓަރުގެ ކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ޙަރަކާތްތަކުގައި ބައިވެރިވިއެވެ.

އަދި ރިސޯޓްގެ ފަރާތުން ވަނީ އެކުދިންނަށް ތަފާތު އެކި ހަދިޔާތައް ބަހާފައެވެ. އަނަންތާރާ ހޮޓެލްސް، ރިޒޯޓްސް އެންޑް ސްޕާގެ ޖެނެރަލް ކޯޓް ޒާރ ވިދާޅުވީ، މައިނަރ ގްރޫޕްގެ ފައުންޑަރ އަދި ޗެއަރމަންގެ އުފަންދުވަހާ ދިމާކޮށް މިޙަރަކާތް ކުރިޔަށްގެންދަނީ އެރިސޯޓްގެ ޢާއްމުން އިޖްތިމާޢީ ޒިންމާގެ ދަށުންކަމަށެވެ. އެ ރިސޯޓްގެ އަމާޒަކީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، މާލެ އޮޓިޒަމް ސެންޓަރަށް ޒިޔާރަތްކުރި އެކުދިންނަށް ދެމުންގެންދާ ޚިދްމަތްތައް ގާތުން ބަލައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުންކަމަށެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، އަނަންތާރާ ހޮޓެލްސް، ރިޒޯޓްސް އެންޑް ސްޕާގެ މުވައްޒަފުން މާލެ އޯޓިޒަމް ސެންޓަރަށް ޒިޔާރަތްކޮށް އެސެންޓަރުގެ ކުދިންނާއެކު ވަގުތު ހޭދަ ކުރުމުން އެކަމާ އުފާކޮށް ޝުކުރު އަދާކުރާކަމަށެވެ. އަދި އުންމީދަކީ މުސްތަޤްބަލުގައިވެސް، އެރިސޯޓްގެ އެހީތެރިކަން އެސްކޫލަށް ލިބިގެން ދިއުންކަމަށެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް، ތަޢުލީމު އުގަންނައިދިނުމާއި އެކުދިންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދެމުން ގެންދާ، މާލޭ އޯޓިޒަމް ސެންޓަރުން މިހާރުވެސް 94 ކުއްޖަކަށް ޚިދްމަތް ފޯރުކޮށްދެއެވެ.