އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ މުޒާހަރާ ރޭވިފައިވާތީ، އެޤައުމުގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގައި މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތައް އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގާތުން ބަލަމުން އަންނަ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
އެވުޒާރާއިން ވިދާޅުވީ މިހަމަނުޖެހުންތަކާ ގުޅިގެން 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، އެޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށްވަނީ އެދިވަޑައިގެންފައެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ ބޭނުންތެރިކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
އިނގިރޭސިވިލާތުގައި ހަމަނުޖެހުން ބޮޑުވެފައިވަނީ އެޤައުމުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމަށްވާ ސައުތުޕޯޓްގައި ދިން ވަޅީގެ ޙަމަލާތަކެއްގައި ކުޑަ ތިން ކުދިން މަރުވުމާ ގުޅިގެންނެވެ. މިއާއެކު ވެރިރަށް ލަންޑަނުގައި ފެށި މުޒާހަރާތަކުގެ ބައިވެރިން އެންމެ ފުރަތަމަ ޙަމަލާ ދީފައި ވަނީ މިސްކިތްތަކަށެވެ. އެއަށްފަހު, އެ މީހުން ވަނީ މުދަލަށް ގެއްލުންދީ, ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން މިސްކިތްތަކަށް ހަމަލާ ދީފައި ވަނީ, ސައުތުޕޯޓުގައި ވަޅިން ޙަމަލާދީ މަރާލި ތިން ކުދިންގެ ގާތިލަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ސޯޝަލް މީޑިޔާގައި ދޮގު މަޢުލޫމާތުތަކެއް ފެތުރުމާ ގުޅިގެންނެވެ. ނަމަވެސް, ފުލުހުން ވަނީ އެއަމަލު ހިންގާފައިވާ 17 އަހަރުގެ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެޤައުމުގެ ރައްޔިތެއް ކަން ހާމަކޮށްފައެވެ.
އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި, އެކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އެއީ ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ ފަރާތްތަކުން އަޑީގައި ތިބެގެން ހިންގަމުންދާ ހަމަނުޖެހުންތަކެއް ކަމުގައެވެ. އަދި, ހަމަނުޖެހުންތައް ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް އޭނާ ވަނީ ފުލުހުންނަށް އިރުޝާދު ދެއްވާފައެވެ.