ޚަބަރު

ކުރީގެ ޕީޖީއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހިސިންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅުއްވައިފިއެވެ.

ދައުލަތުން މުހުތާޒް މުޙުސިނާ ދެކޮޅަށް 3 ދަޢުވާއެއް އުފުއްލަވާފައިވެއެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގަވަން އުޅުއްވުމުގެ ކުށުގެ ދަޢުވާއާއި ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ޞައްޙަ ނޫން ލިޔުމެއް އުފެއްދެވުމުގެ ކުށުގެ ދަޢުވާއާއި ވަކި އުޞޫލަކުން ދޫކޮށްފައިވާ ލިޔުމެއް ޞައްޙަ ނޫން ގޮތެއްގައި ދައްކަން އުޅުއްވިކަމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލަތަކުގައި ދައުލަތުން މުހުތާޒާ ދެކޮޅަށް ހެކި ހުށައަޅުއްވާފައިވަނީ އެނާ މާމިގިއްޔަށް ވަޑައިގެންކަމާއި އެރަށު ކޯޓަށް ވެދެވަޑައިގެންކަމާއި ލިޔުންތަކެއް ފޮނުވުމަށް އީމެއިލް އެޑްރެސްއެއް ދެއްވިކަން ސާބިތުކޮށްދެއްވުމަށެވެ. އަދި މީގެއިތުރުން ކޯޓުން ނެރުނުކަމަށް ބުނާ ލިޔުން މާލެ ގެންނަވައި، މާލެ މަގެއްގެ މަތީ ހުރި ސައިކަލެއްގެ މަޑިމަތީ ބާއްވަވައި، ފުލުހުންނަށް ދެއްކެވުމަށް މަސައްކަތްކުރެއްވިކަން ސާބިތުކުރެއްވުމަށްވެސް ދައުލަތުން ހެކިން ހުށައަޅުއްވާފައިވެއެވެ. ދައުލަތުން މުހުތާޒް މުޙުސިނާ ދެކޮޅަށް ގިނަ ހެކިންތަކެއް ހުށައަޅުއްވާފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން، ދިފާޢީ ހެކިންގެ ގޮތުގައި މުހުތާޒްގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވެއެވެ.

ދައުލަތުން މުހުތާޒް މުޙުސިނާ ދެކޮޅަށް އުފުއްލަވާފައިވާ 3 ދަޢުވާއަށްވެސް އޭނާ ވަނީ އިންކާރުކުރައްވާފައެވެ.