އިންޑިއާއި ރާއްޖެއާއި ދެމެދު މިހާރު އޮތީ ޒަމާނީ ގުޅުމެއް ކަމަށާއި މިއީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާ ގުޅުމެއް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ. ޖަޔަޝަންކަރު މިހެން ވިދާޅުވީ، އައްޑޫގެ ބިންހިއްކުމާއި، ހަންކެޑެ ބްރިޖު މަޝްރޫޢު ނިންމާ ހަވާލުކުރުމަށް އައްޑޫ ހައިސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދެ މަޝްރޫޢު ކަމަށްވާ، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢާއި، ހަންކެޑެ ވަށައިގެން އަޅާފައިވާ ޑީޓުއަރ ލިންކް ރޯޑުގެ މަޝްރޫޢުގެ ނިންމުން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ ރާއްޖޭގެ ތަރައްޤީއަށް އަދި ޚާއްސަކޮށް އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރުގެ ވާހަކަގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން ޒަމާނީ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މިގުޅުމުގެ ތެރެއިން ތަރައްޤީ ގެންނަނީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެވޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އުފާވޭ އައްޑޫއަށް އަނބުރާ އާދެވުމުން. ހަނދާންވޭ 2 އަހަރު ކުރިން ކުރި ދަތުރު. ރާއްޖެއަކީ ކީ ޕާޓްނާއެއް އިންޑިއާ ސަރަހައްދުގައި. މިހާރު ޒަމާނީ ގުޅުމަކަށް ގުޅުން ވަނީ ބަދަލުވެފައި. އަޅުގަނޑުމެންގެ ގުޅުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލު ގެނުވާފަދަ ގުޅުމެއް" ޖަޔަޝަންކަރު ވިދާޅުވިއެވެ.
ޖަޔަޝަންކަރުގެ ވާހަކައިގައި އައްޑޫ ސިޓީގެ ތަރައްޤީއަށް އިންޑިއާއިން ވޭތުވެދިޔަ އަހަރުތަކުގައި 220 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާކަން ހާމަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ސަރަހައްދީ ތަރައްޤީއަށް އެޤައުމުން ދޭ އިސްކަން ހާމަވާ ކަމެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޑރ.ޖަޔަޝަންކަރު ފާހަގަކުރެއްވިއެވެ.
އިންޑިޔާގެ ޚާރިޖީ ވަޒީރުގެ ވާހަކައިގައި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 184 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒާމަކާއެކު އައްޑޫގެ މަގު ހެދުމުގެ މަޝްރުޢުވެސް މިހާރު ނިމުމުގެ މަރުހަލާގައި އޮތްކަން ފާހަގަކުރެއްވިއެވެ. އަދި މިމަޝްރޫޢުތަކުގެ ސަބަބުން އައްޑޫގެ އެތެރޭގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާއިރު، އިޤްތިޞާދު ފުޅާކުރުމަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް އިންޑިއާގެ ޚަރިޖީ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އެހެން ބައެއް ބޮޑެތި މަޝްރޫޢުތައްވެސް ފާހަގަކުރެއްވިއެވެ. މީގެތެރެއިން ތިލަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާކަން ފާހަގަކުރައްވާ ޖަޔަޝަންކަރު ވިދާޅުވީ، މިމަޝްރޫޢު ނިމޭއިރު މިއީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭނެ މަޝްރޫޢަކަށް ވާނެ ކަމަށެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އެޤައުމުން އިސްކަންދޭކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ފުރުސަތުތައް ބޮޑުތަނުން އިތުރުކޮށްފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.