ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ހަދައި ނިމޭއިރު ފެން ބޮޑުވާ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެެ.
ވަޒީރު މިހެން ވިދާޅުވެފައިމިވަނީ މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، އާންމު ދަތުރުފަތުރާއި ހިނގާ ބިނގާވެ އުޅުމަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ މާލޭގެ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ކުރިމަތިވާ މައިގަނޑު ދައްޗަކީ މަގުތަކުން ބިމަށް ފެން ހިންދަން ގާއިމްކޮށްފައިވާ ނިޒާމު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުންކަމަށެވެ.
ވަޒީރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ކުރިއަށްގެންދާ މަޝްރޫޢުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްކަމަށެވެ. އެގޮތުން އެކަށޭނަ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ދެން ޤާއިމްކުރެވޭ ފެން ހިންދާ ނިޒާމަކީ ވިއްސާރަވުމުން މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރަން ޚާއްސަ އިސްކަމެއް ދީގެން، ދިރާސާކުރެވި ރޭވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ޙައްލުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުމެވެ.
— Abdulla Muththalib (@muththo) August 13, 2024
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާލޭގެ…
ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޗައިނާގެ ހިލޭ އެހީގައި މާލެއާ ވިލިމާލޭގެ މަގުތައް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދާދިއަވަހަށް އެކަމާ ގުޅޭ ޓީމެއް ރާއްޖެއައިސް ދިރާސާތައް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 11 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހެދިގެން ދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މާލޭގެ ހުރިހާ މަގެއް ތަރައްޤީ ކުރުމަށް 100 މިލިޔަންވުރެ ގިނަ ޑޮލަރު ޚަރަދުވާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.