ޚަބަރު

އާސަންދަ ނިޒާމު އިޞްލާޙުކުރުމުގެ މަސައްކަތް އޮކްޓޯބަރުމަހު ފަށަނީ


  • ގެނެވޭ އިސްލާހުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ

އާސަންދަ ނިޒާމް ހަރުދާނަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އޮކްޓޯބަރުމަހު ފައްޓަވާނެކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މަލީ ވަޒީރު މިހެން ވިދާޅުވީ އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.

މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވީ އާސަންދަ ނިޒާމް ހަރުދަނާކުރުމަށް މިހާރު އެކުލަވާލެވިފައިވާ ޕްލޭނުގެ ތަންފީޒީ މަރުޙަލާ އޮކްޓޯބަރުމަހު ފެށިގެންދާނެކަމަށެވެ. ނަމަވެސް އާސަންދަ ނިޒާމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ނިޒާމަކަށްވާއިރު ރައްޔިތުންނަށް ދަތިވާނެ ގޮތަކަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އާސަންދަ ނިޒާމަށް ގެނެވޭ ބަދަލަކީ ރައްޔިތުންނާއި މަޝްވަރާކުރެވި، ރަނގަޅަށް މުވާސަލާތުކުރެވިގެން ގެނެވޭ ބަދަލަކަށް ވާނޭކަމަށެވެ. މިގޮތުން، އާސަންދަ ނިޒާމް ހަރުދަނާކުރުމަށް މިހާރު ރޭވިފައިވާ ކަންކަމާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" ޙަޤީޤަތުގައި ކޮންމެހެން ކުރަން ނުޖެހޭ އޮޕަރޭޝަންތައްވެސް ކުރެވިފައިވާކަން ފާހަގަކުރެވެ. މިއީ ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެއް. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ޚަރަދުތައް އިތުރުވުމުގެ އިތުރުން، ބަލިމީހާއަށްވެސް ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހިދާނެ" ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ އާސަންދަ ނިޒާމަށް ގެނަން ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، ބައެއް ކަހަލަ ޓެސްޓުތައް ހެދުމާއި، ކުރެވޭ އޮޕަރޭޝަންތަކާއި، ދެވޭ ބޭސްތަކަކީ ބޭނުންވާ މިންވަރަށް، އަދި ބޭނުންކުރަން ޖެހޭ އެއްޗެހިތޯ ބަލައި ޔަޤީންކުރުމަށްފަހު އެކަންކަން ކުރިއަށް ގެންދިޔުން މުހިންމުކަމަށެވެ.

މިދިޔަ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން، އެންސްޕާ އަދި އާސަންދައިގެ އިސް ވެރިންނާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، އެންސްޕާ އަދި އާސަންދަ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ބައެއް މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން، އާސަންދަ ނިޒާމަށް ގެނެވޭ އިޞްލާޙުތަކާއެކު، ކުރިއަށް އޮތް އޮކްޓޯބަރު މަހުން ފެށިގެން އިސްކަންދޭނީ އަމިއްލަ އިންޝުއަރެންސް ޚިދުމަތްތަކަށް ކަމުގައި ހީނާ ވިދާޅުވިއެވެ. މި ބަދަލުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އާސަންދަ ނިޒާމަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ޚިދުމަތް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށާއި، މި ޚަރަދުގެ އެންމެ ބޮޑު ދައްކަންޖެހެނީ އެންސްޕާއިންކަމަށެވެ.