ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން މުއްދަތެއް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މާލެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީނުކޮށް އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ގިނައެވެ. މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް މާލޭގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަމުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީނުކޮށް އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތަރުފުރޮޅުލީ އުޅަނދު، ޓޯކުރުމުގެ ބަދަލުގައި އެ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމަށް
40 ދުވަހުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ބިމަކަށް އެއުޅަނދުތައް ގެންދަންޖެހޭނެ ކަމަށެވެ. އަދި އެބިމަކަށް އުޅަނދު ގެންދިއުމަށްފަހު 6 މަސް ދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރީ ރަނގަޅުކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅާ ބިމަކަށް އުޅަނދު ގެންދިއުމާއި ރަޖިސްޓްރީ ރަނގަޅުކުރުމަކީ ވެރިފަރާތް އަމިއްލައަށް ކުރަންޖެހޭކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިގޮތަށް ހެދީމަ ޓޯކުރުމުން ދައްކަންޖެހޭ ޖޫރިމަނާއިން ވެރި ފަރާތް އެބަ ސަލާމަތްވޭ. 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ރަނގަޅުކޮށް އެތަނުން ވެހިކަލް ނަގަންޖެހޭނެ. މި މުއްދަތުގައި އެހެން ޒޯނަކަށް ވެހިކަލް ގެންދިޔުން، ނުވަތަ މާލެ ހިމެނޭ ޒޯނަށް ވެހިކަލް ރަޖިސްޓްރީކުރުން ނުވަތަ ވަގު ރަޖިސްޓްރީތައް ބަދަލުކޮށް، ގަވައިދާ އެއްގޮތަށް ވެހިކަލް ރަޖިސްޓްރީކުރަން ޖެހޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިހާރުވެސް ރަޖިސްޓްރީނުކޮށްހުރި ނުވަތަ އެހެން ޒޯނަކަށް ރަޖިސްޓްރީކޮށްފައިވާ އެތައް އުޅަނދެއް ފުލުހުން ޓޯ ކޮށްފައިވާ ކަމަށެވެ. އަދި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ބިމަށް ނުގެންގޮސް، ގަވާއިދާ ޚިލާފަށް ހުންނަ އުޅަނދުތައް، ޓޯކުރަމުންދާނެ ކަމަށް ޢަލީ އިޙްސާން ވިދާޅުވިއެވެ.
"6 މަސް ދުވަހުގެ ތެރޭގައި އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނެ. އަޅުގަނޑުމެން އެދެނީ ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް މަގުމަތީ ދުއްވޭނެ މަގު ފަހިކޮށްދިނުމަށް." ޢަލީ އިޙްސާން ވިދާޅުވިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައިވާ ގޮތުން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެވޭނީ، އުޅަނދު ރަޖިސްޓްރީކުރާ ޒޯނުގައި އުޅަނދު ބާއްވަން ގަރާޖެއް ހުންނަ ނަމައެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ މާލެއިން ގަރާޖެއް ހޯދަން އުނދަގޫވުމުން އެހެން ޒޯންތަކުން ގަރާޖު ހޯދުމަށްފަހު، އެއްގަމު އުޅަނދު ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް ބޯޑު ހަދައިގެން މާލޭގައި ދުއްވާ އަދި ޕާކުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވުމަކީ މަނާކަމެކެވެ.