ޢިރާގުގެ ފަލޫޖާގައި ހިނގަމުންދާ ހަނގުރާމައިން އެރަށުގެ ޢާންމުން ޙިމާޔަތްކުރުމަށް އެހަނގުރާމައިގަ ޝާމިލްވާ ހުރިހާ ފަރާތްތަކަށް އދ.ން ގޮވާލައިފިއެވެ.
އދ. ގެ ތަރްޖަމާން ފަރްޙާނުލްޙައްގު ވިދާޅުވީ، ފަލޫޖާގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާއިރު އެރަށުގައި ތާށިވެފައިވާ ބައިލައްކަ އެއްހާ އާންމުންނާމެދު އދ.ން ކަންބޮޑުވާކަމަށެވެ.
ފަލޫޖާއަކީ ޢިރާގުގެ ވެރިރަށް ބަޣްދާދުގެ ހުޅަނގުން ފަންސާހަކަށް ކިލޯމީޓަރުގެ ދުރުގައި ފުރާތުކޯރުގެ އައްސޭރީގައިވާ ރަށެކެވެ. ގާތްގަނޑަކަށް ތިންލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ފަލޫޖާއަކީ އިރާގުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ މައި މަރުކަޒެވެ. 2014 ވަނަ އަހަރު އިރާގުގައި އައިއެސް ޖަމާއަތުގެ ބާރު ގަދަވެ އެޤައުމުގެ ހުޅަނގާއި އުތުރުގެ ބޮޑުބައަކަށް އައިއެސް ގެ ހަނގުރާމަވެރިން ވެރިވެގަތްއިރު އެޖަމާޢަތުން އެންމެފުރަތަމަ ވެރިވެގަނެ މަރުކަޒެއްގެ ގޮތުގައި ހަދާފައިވަނީ ފަލޫޖާއެވެ.
ފާއިތުވި ދެއަހަރު ތެރޭގައި އިރާގު ސިފައިން އައިއެސްގެ އަތްދަށުގައިވާ ގިނަ ސަރަހައްދުތަކެއް މިނިވަންކޮށް އަނބުރައި ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފައިވީނަމަވެސް ފަލޫޖާ އަދިވެސްވަނީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައެވެ. ފަލޫޖާ މިނިވަންކުރުމުގެ ހަނގުރާމަ ފެށިކަން އިރާގު ސިފައިން އިޢްލާންކުރީ މިހަފްތާގެ ކުރީކޮޅުގައެވެ. މިއިޢުލާނާއެކު އިރާގު ސިފައިންވަނީ ފަލޫޖާގެ އާންމުންނަށް އެރަށުން ނުކުމެ ރައްކާތެރިތަންތަނަށް ދިޔުމަށް އިލްތިމާސްކޮށް އެކަމަށް މުހުލަތެއްވެސް ދީފައެވެ. އަދި ފަލޫޖާއިން ނުކުންނަން އުޒުރުވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ހުދުދިދަ ނެގުމަށާއި ހުދުދިދަ ނަގާފައިވާ ފަރާތްތަކަށް ސިފައިންގެ ޙިމާޔަތް އޮންނާނެކަމަށްވެސް އިރާގު ސިފައިން ބުނެފައިވެއެވެ.
ފަލޫޖާ މިނިވަންކުރުމުގެ ހަނގުރާމަ މިހާރު ފެށި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިރާގު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިން ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ގެންދާއިރު އެރަށުގައި ތާށިވެފައިވާ ބައިލައްކައެއްހާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ރެފިއުޖީންނާބެހޭ އދ. ގެ އިދާރާއިން ބުނެފައިވަނީ ހަނގުރާމައިން ފިލުމަށްޓަކައި ފަލޫޖާއިން ނުކުތުމަށް މަސައްކަތްކުރި އަންހެނުންނާއި ކުޑަކުދިންގެ އެތަށްބަޔަކު ހަނގުރާމައިގެ ޙަމަލާތަކުގައި މަރުވެފައިވާކަމަށާ އަދި ފަލޫޖާގައި ތާށިވެފައިވާ މީހުންވެސް ތިބީ ހައިހޫނުކަމާއި ބިރުވެރިކަމުގެ ތެރޭގައި ކަމަށެވެ.
ފަލޫޖާގެ ހަނގުރާމައިގާ އާންމުންގެ 20 މީހުން މަރުވިކަން އިރާގުގެ ސިއްޙަތާބެހޭ ދާއިރާތަކުން ކަށަވަރުކޮށްދީފައިވާއިރު އައިއެސް ގެ ހަނގުރާމަވެރިން ބޮންގޮއްވައިގެންނާއި އަމިއްލައަށް މަރުވެގެންދިން ޙަމަލާތަކުގައި އިރާގު ސިފައިންނާއި އެމީހުންނަށް ވާގިވެރިވާ ރައްޔިތުންގެ މިލީޝިޔާތަކުގެ 35 މީހުން ފާއިތުވި ދެދުވަހުގެ ތެރޭގައި މަރުވެފައިވެއެވެ. ފަލޫޖާގައިވާ އައިއެސްގެ ހަތިޔާރު ގުދަންތަކަށާއި އެޖަމާޢަތުގެ ހަނގުރާމަވެރިން ފިލައި ތިބޭކަމަށް ބެލެވޭ އިމާރާތްތަކަށް ވައިގެ މަގުން ހަމަލާތައް ދިނުމުގައި އިރާގުގެ ވައިގެ ސިފައިންގެ އިތުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައްވެސް ބައިވެރިވެއެވެ.
އިރާގުގެ ދިފާއީ ވަޒީރު ޚާލިދް އަލްއުބައިދީ ވިދާޅުވީ ފަލޫޖާގެ ހަނގުރާމަ ކުރިޔަށްދަނީ ރާވާފައިވާ ޕްލޭނާ އެއްގޮތަށްކަމަށެވެ. މިހަނގުރާމައިގާ މިހާތަނަށް އިރާގު ސިފައިންނަށް ބޮޑެތި ކުރިއެރުންތަކެއްލިބި އައިއެސްގެ ސަފުތައް ފޫއަޅުވާލެވި ފަލޫޖާގެ އެތެރޭގެ ބައެއް ހިސާބުތަކަށް އިރާގުގެ ބާރުތައް ވަދެވިފައިވާކަމަށްވެސް އުބައިދީ ވިދާޅުވިއެވެ. އިރާގު ސިފައިންގެ އަސްކަރީ ބަޔާންތައް ބުނާގޮތުން އިރާގު ސިފައިން މިހާރުވަނީ ފަލޫޖާގެ އެތަށް ސަރަހައްދެއްގައި އައިއެސްގެ ހަނގުރާމަވެރިން ވަށާލައި އެމީހުން ޙިސާރުކޮށްފައެވެ.
ޙިސާރުން ސަލާމަތްވުމަށް ޓަކައި ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެންނާއި ގޮވާތަކެތި އަޅާފައިވާ ކާރު ބޭނުންކޮށްގެން އައިއެސްގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވުމުގެ ޙަމަލާތައް ދެމުންގެންދާކަމަށްވެސް އިރާގު ސިފައިން ބުނެއެވެ.