ޚަބަރު

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމާ ބެހޭ ދިރާސާއެއް ހަދަނީ


  • ދިރާސާކުރަނީ ނޯވޭގެ ކުންފުންޏެއްކަމަށްވާ ފްލޯޝަންއިން

  • ދިރާސާގައި ޚަރަދު ކުޑަކޮށް ކަން ކުރެވޭނެ ގޮތެއް ދެނެގަނެވޭނެ

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީއާއި ނޯވޭގެ ކުންފުންޏެއްކަމަށްވާ ފްލޯޝަންއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމާބެހޭ ދިރާސާއެއް ހެދުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މާލެ ސަރަހައްދަށް ބޭނުންވާ މީރު ފެން އުފެންދުމުގެ ނިޒާމެއް ކަނޑު އަޑީގައި ޤާއިމްކުރެވުމާއެކު ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ފެން ޕްލާންޓް ޤާއިމްކުރުމަށް ބިމެއް ބޭނުން ނުވުމުގެ އިތުރުން މިހާރަށްވުރެ ޚަރަދު ކުޑަކޮށް، ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް އޮޕަރޭޓުކުރެވިދާނެކަން މަތީން ފާހަގަކުރެއްވިއެވެ.

އަދި ދިރާސާގައި ރާއްޖޭގެ ދިޔަވަރާއި އޮޔާއި ރާޅަށް ބަލައި، އެންމެ ޚަރަދު ކުޑަ، ތިމާވެށްޓާ ރައްޓެހި ގޮތަކަށް ރާއްޖޭގައި ފެން އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނީ ކިހިނެއްތޯ ދެނެގަނެވޭނެކަމަށް މަތީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ދުރުމިން އައްސޭރި ފަށުން ފަށައިގެން. އެތަނުގައި ނިޒާމު ޤާއިމްކުރަން. އެތަނުން 500 މީޓަރު އެބަދެވޭ އަޑިއަށް. ދިރާސާތަކުން އެބަބުނޭ އެހާ އަޑީގައި ހުންނަ ފެނުގައި ލޮނު ހުންނަ މިންވަރު ދަށް ކަމަށްވެސް." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ދިރާސާކުރުމަށް ހަވާލުކުރެވުނު ފްލޯޝަން ކުންފުންޏަކީ މީރު ފެން އުފެއްދުމުގެ ނިޒާމުތައް ކަނޑު އަޑީގައި ޤާއިމްކޮށްގެން ފެން އުފެއްދުމުގައި ތަޖުރިބާ ލިބިފައިވާ ނޯވޭގެ ކުންފުންޏެއް ކަމަށެވެ.

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމާބެހޭ ދިރާސާއެއް ހެދުމާގުޅޭ ފަހުމުނާމާގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދެވެ. ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ އަލެގްޒަންޑަރ ފުލެސަންގއެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި ދިރާސާގައި ކަނޑު އަޑީގައި އާރު.އޯ ޑީސެލިނޭޝަން ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދުމާއި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން މިގޮތަށް ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ދިރާސާގެ އަލީގައި ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ، އާބާދީ އިތުރުވުމާ ގުޅިގެން އުފެދޭ ފެނުގެ ޑިމާންޑާ އެއްވަރަށް، ފެން އުފެއްދޭވަރާއި ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އައު އިޖާދީ ގޮތްތައް ފަހިވާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.