ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން 2 ކާރު ޓޯކޮށްފި


  • ހާދިސާގައި އަނިޔާވި ކުޑަ ކުއްޖާއަށް ދަނީ ފަރުވާދެމުން

  • ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ދެ އުޅަނދު ޓޯ ކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓޯ ކޮށްފައިވަނީ ދެކާރު ކަމަށެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކުރީ، ރޭ 21:04 އެހާކަންހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ، ވިނަރެސް 7 ކައިރީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ސައިކަލަކީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ. މި ހާދިސާގައި އަނިޔާވި ކުޑަ ކުއްޖާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ދަނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.