ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނީ އަރބަން ސެންޓަރުތައް ޤާއިމްކުރެވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ ޤާނޫނެއް އުފެއްދުމަށް ހުށައަޅާފައިވާ އަރބަން ޑިވެލޮޕްމަންޓްގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މިބިލު ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.
ބިލަށް ބަހުސްކުރައްވަމުން ވިލިގިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ވިދާޅުވީ މިހާތަނަށް އައިރުވެސް ސަރަހައްދުތައް ތަރައްޤީކުރުމުގައި ޢަމަލުކުރާނެ ޤާނޫނެއް ހެދިފައިނުވާ ކަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ އަރބަން ޑިވެލޮޕްމަންޓްގެ ބިލާއެކު އަރބަން ސަރަހައްދުތައް ތަރައްޤީކުރާއިރު ރޭވިގެން ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.
މެންބަރު ޢާޒިމް ވިދާޅުވީ ތަރައްޤީގެ ޕްލޭނެއްނެތި މީގެ ކުރިން އެކި ސަރަހައްދުތައް ތަރައްޤީކުރުމުން އޭގެ ގެއްލުން ފެނިފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން މާލެއަކީ އެއްވެސް ދުރުރާސްތާ އަރބަން ޕްލޭނެއްނެތި ތަރައްޤީކުރެވުނު ތަނެއް ކަމަށާއި އެހެންކަމުން މިހާރު މާލެ ވަނީ ތޮއްޖެހިފައިިވާކަން ޢާޒިމް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ ޚިދުމަތް ދިނުމަކީ ގޮންޖެހުމެއް. ވަކި ވަކި ރަށްރަށުގައި ޚިދުމަތް ޤާއިމްކުރަން ބޮޑު ޚަރަދެއް ހިނގާ. ބައެއް ރަށްރަށުގައި ކިޔަވާނެ ދަރިވަރުން ނެތިގެން ސްކޫލް ބަދަލުކުރަންޖެހިފައި އެބަހުރި. ރޭވިގެން އަރބަން ސެންޓަރުތަކެއް ބިނާކުރެވުމުން ރައްޔިތުންނަށް އެންމެ ފައިދާކުރާނީ." ޢާޒިމް ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ކާށިދޫ ދާއިރާގެ މެންބަރު މުންތަޞިމް އިބްރާހިމް ވިދާޅުވީ އަރބަން ޑިވެލޮޕްމަންޓްގެ ބިލަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް މުހިންމު ބިލެއް ކަމަށެވެ.
މުންތަޞިމް ވިދާޅުވީ ރާއްޖޭގައި 500 އަށްވުރެ ކުޑަ އާބާދީއެއް އޮންނަ 54 އަށްވުރެ ގިނަ ރަށް އެބައޮތް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރަންޖެހިއްޖެނަމަ ސަރުކާރަށް ބޮޑު ޚަރަދެއް ހިނގާނެކަން މުންތަޞިމް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަށްވެސް ޚަރަދު ކުޑަ ކުރެވޭނީ ރަނގަޅު ފެންވަރުގައި އަރބަން ސެންޓަރުތަކެއް ހަދާ ގިނަ ރައްޔިތުންތަކަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދީގެން ކަމަށެވެ.
"އަރބަން ސެންޓަރުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނީ. އަދި މިޤާނޫނުގެ ތެރެއިން ކުނި މެނޭޖްކުރުމުގެ ރަނގަޅު ނިޒާމްތައް ޤާއިމްކުރެވޭނެ. އެހެންވީމަ މި ޤާނޫނު އައިމަ ހެޔޮ ބަދަލުތައް އަންނާނެ." މުންތަޞިމް ވިދާޅުވިއެވެ.
އަރބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހިމް ވިދާޅުވީ މީގެކުރިން އަރބަން ތަރައްޤީގެ ރަނގަޅު ޕްލޭނެއް ނެތި، ތަރައްޤީކޮށްފައިވާ އެއް ތަނަކީ މާލެ ކަމަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުން މިއަދު ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ސަރަހައްދުތައް ތަރައްޤީކުރެވެންޖެހޭނީ ވަކި އުޞޫލެއްގެ ތެރެއިން ރަނގަޅަށް ރޭވިގެންކަން މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު މުސްޠަފާ ވިދާޅުވީ މިދިޔަ ސަރުކާރުން ގޯތި ދިންއިރުވެސް ރަނގަޅު ރޭވުމެއް ނެތް ކަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ ބިލާއެކު ރޭވުމެއްނެތި ހިތުހުރިތާކުން ގޯތި ދިނުން ނިމުމަކަށް ގެނެވޭނެކަމަށް މުސްޠަފާ ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ކުރި ކަހަލަ ކަންކަން މި ޤާނޫނާއެކު ހުއްޓުވޭނެ. ފަޅުތަކާއި ފަރުތަކުން ގޯތި ބަހާލުން މަނާކުރެވޭނެ. އަދި މި ޤާނޫނުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކީގައި ތަނެއް ތަރައްޤީކުރުން." މުސްޠަފާ ވިދާޅުވިއެވެ.
މިބިލަށް ގިނަ މެންބަރުން ތާއީދު ކުރެއްވި ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.