ޚަބަރު

އިންޖިނިއަރިން ކިޔަވާ ދަރިވަރުން އެދެނީ ވަސީލަތްތަކާއި ހަރުދަނާ ޤަވާއިދުތައް


  • ފެކަލްޓީގައި އެކަށީގެންވާ ވަސީލަތްތަކާއި ތަނަވަސް ޖާގަ ނެތުމަކީ ކުދިންގެ ކަންބޮޑުވުމެއް

  • ދާއިރާއިން އިތުރަށް ތަޢުލީމު ހާސިލްކުރެވޭނެ ފުރުޞަތުތައް ފަހުކޮށްދިނުމަށް އެދިވަޑައިގެންނެވި

  • ވަޒީފާގެ ފުރުޞަތުތައް ހަނިވުމާއި އެކަށީގެންވާ އުޖޫރައެއް ނުލިބޭކަން ފާހަގަކުރި

އިންޖިނިއަރިން ދާއިރާއަކީ ޤައުމެއްގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިނާރެވެ. ޚާއްޞަކޮށް އިލެކްޓްރިކަލް އަދި ސިވިލް އިންޖިނިއަރިންގެ ދާއިރާގައި ދިވެހި ފަންނުވެރިން ކުރަމުންދާ މަސައްކަތްތަކަކީ އަގުވަޒަންކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.

ފާއިތުވި އަހަރުތަކުގައި މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޕްރޮފެޝަނަލުންނަށް ވަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހި، ވަޒީފާއާއި އާމްދަނީގެ ބޮޑެތި ދަތިތަކެއް ތަޙައްމަލުކުރަން ޖެހިފައެވެ. އަދި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކެއްވެސް މަދެއް ނޫނެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނޭރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ދަރިވަރުން ވަނީ ކިޔެވުމުގައި ދިމާވާ ދަތިތަކުގެ އިތުރުން އަމަލީ މައިދާނުގައިވެސް ދިމާވާ އުނދަގޫތައް ހިއްސާކުރައްވާފައެވެ.

ޢަމަލީ ތަޖުރިބާތައް ލިބުމުގެ ދަތިކަން!

އިންޖިނިއަރިންނަކީ ހަމައެކަނި ފޮތްތަކުން ކިޔަވައިގެން ފުދޭނެ ދާއިރާއެއް ނޫނެވެ. އެއީ ޢަމަލީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެކުލެވޭ ފަންނެކެވެ. ނަމަވެސް، އެމްއެންޔޫގައި ސިވިލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރުންނަށް އެ ފުރުޞަތު ވަރަށް ހަންޏެވެ.

ސިވިލް އިންޖިނިއަރިންގ ކިޔަވާ ދަރިވަރަކު ކިޔައިދިން ގޮތުގައި، ކިޔެވުމަށް ބޭނުންވާ ލެބޯޓްރީއާއި ޒަމާނީ އިކުއިޕްމެންޓްސް ނެތުމުގެ ސަބަބުން ތީސިސް ހެދުމަށާއި ފިލާވަޅުތައް ދަސްކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.

"ލެބޯޓަރީ އަދި ބޭނުންވާ އިކުއިޕްމެންޓް ނުހުންނާތީ ކިޔަވަންވެސް ވަރަށް އުނދަގޫ. އަދި ކިޔަވަމުން އޮންފީލްޑް އެކްސްޕީރިއެންސް ހޯދަންވެސް ވަރަށް ދަތި. އަޅުގަނޑުމެންނަށް މިހާރު ގިނައިން މި އޮންނަނީ ހަމަ ތިއަރީ ކުލާސްތައް. ދެން ޕްރެކްޓިކަލް ހަދަން ނޫނީ މަސައްކަތް އޮންފީލްޑުގައި ކުރާތަން ބަލާލަން އަޅުގަނޑުމެން މިޖެހެނީ ކޮލެޖްގެ ފަރާތުންވިޔަސް ނޫނީ ތާޑް ޕާޓީއެއް މަސައްކަތްކުރާތަން ބަލާލަން. އަމިއްލައަށް ހޭންޑްއޮން އެކްސްޕީރިއެންސް ހޯދާކަށް އަޅުގަނޑުމެންނަކަށް ނުއެއް ލިބޭ." ދަރިވަރަކު ފާހަގަކުރިއެވެ.

ހަމައެކަނި އިންޖިނިއަރިންގ ދަރިވަރުންނެއް ނޫނެވެ. އާކިޓެކްޗަރ ކިޔަވަމުންދާ ދަރިވަރުންގެ ޙާލަތުވެސް އޮތީ މިފަދަ ގޮތަކަށެވެ. އެ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯތަކެއް ނެތްއިރު، ކިޔަވަން ޖެހިފައިވަނީ ކުދިކުދި ކްލާސްރޫމްތަކުގައެވެ.

30 ކުދިންގެ ބޮޑު ކްލާހަކަށް އެންމެ ލެކްޗަރަރއަކު ހުރުމުގެ ސަބަބުން، ހަދާ ޑިޒައިންތަކާއި މޮޑެލްތަކަށް ފީޑްބެކް ހޯދުމަށް ދަރިވަރުން އެތައް ދުވަހަކު އިންތިޒާރުކުރަންޖެހެއެވެ. ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާ މި ދައުރުގައި އެންމެ ކުޑަމިނުން އިންޓަރނެޓް ވައިފައިގެ ޚިދުމަތްވެސް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން ދަރިވަރުން ފާހަގަކުރެއެވެ.

ވަޒީފާގެ ފުރުޞަތުތައް ހަނިވުމާއި ބޭރުގެ މަސައްކަތްތެރިންގެ ނުފޫޒު

ކުރީގެ އަހަރުތަކާ އަޅާބަލާއިރު މިއަދު އިންޖިނިއަރިން ދާއިރާގެ މަސައްކަތްތަކުން ދިވެހިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވަނީ ވެފައެވެ.

ޤަވާއިދު ބުނާގޮތުން ކަމާބެހޭ މިނިސްޓްރީން ދޫކުރާ ޚާއްޞަ ލައިސެންސް އޮންނަ ފަރާތްތަކަށް މެނުވީ މި މަސައްކަތްތައް ނުކުރެވޭނެ ނަމަވެސް، ޢަމަލީ މައިދާނުގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ގިނަ ކުންފުނިތަކުން ބޭރުން މީހުން ގެނެސްގެން، ސަނަދު ލިބިފައިވާ ދިވެހި އިންޖިނިއަރުން ކުރަންޖެހޭ މަސައްކަތްތައް ކުރުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން އިލެކްޓްރިކަލް އަދި ސިވިލް އިންޖިނިއަރުންނަށް ވަޒީފާ ހޯދުމަށާއި އަމިއްލަ މަސައްކަތްތަކުން އާމްދަނީ ހޯދުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ސިވިލް އަދި އިލެކްޓްރިކަލް މަސައްކަތްތަކަށް ވަރަށް ހަރުދަނާ އުޞޫލުތަކަކާއި ސްޓޭންޑަރޑްތަކެއް ކަނޑައެޅިފައި ހުރެއެވެ. އެފަދަ ޤައުމުތަކުގައި ބޭނުންހާ ގޮތަކަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގެ ފުރުޞަތެއް ނޯވެއެވެ. ނަމަވެސް، ރާއްޖޭގައި މިފަދަ ހަރުދަނާ މިންގަނޑުތަކެއް ތަންފީޒުނުކުރެވޭތީ، މަސައްކަތުގެ ފެންވަރު ދަށްވެ، ރައްކާތެރިކަމަށްވެސް ނުރައްކާވާ ކަމަށް ތާރީހުން ފެންނަން ހުރި ކަމަށް ދަރިވަރުން ފާހަގަކުރިއެވެ. މި ދާއިރާ ރަނގަޅަށް މޮނީޓަރކޮށް، ހަރުދަނާ ޤަވާޢިދުތަކެއް އެކުލަވާލައި، އެ ޤަވާޢިދުތައް ތަންފީޒުކުރުމަކީ މުހިންމުކަމެއް ކަމަށް ދަރިވަރުން ފާހަގަކުރިއެވެ.

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން

ދާއިރާގެ ތަރައްޤީއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް މަދުވުމަކީވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުމެކެވެ. ރާއްޖެއިން އިންޖިނިއަރިންގ ދާއިރާއިން ކިޔެވެން އޮންނަނީ ހަމައެކަނި ބެޗްލަރސް ޑިގްރީއާ ހަމައަށެވެ.

މާސްޓަރސް ލެވެލްއަށް ރާއްޖޭގައި ކިޔެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ، ދާއިރާއިން އިތުރަށް ކުރިއަރަން ބޭނުންވާ ފަރާތްތަކަށް އޮތް ބޮޑު ހުރަހެކެވެ. މިފަދަ ފުރުޞަތުތައް ރާއްޖޭގައި ޤާއިމުކުރެވިއްޖެނަމަ، ދިވެހި އިންޖިނިއަރުންގެ ފެންވަރު އިތުރަށް މަތިވެ، ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅުވެގެންދާނެއެވެ.

އެއް ފުރާޅެއްގެ ދަށަށް ގެނައުމާއި ޒަމާނީ ފެކަލްޓީއެއްގެ އުންމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑޮކްޓަރޭޓް ޙާޞިލުކުރައްވައިގެން ހުންނެވި، މި ދާއިރާގެ ފަންނީ ބޭފުޅަކަށް ވާތީ، ދަރިވަރުންގެ އުންމީދު ވަރަށް ބޮޑެވެ. އިންޖިނިއަރިންގ ކިޔެވުމުގައި ދިމާވާ ދަތިތަކާއި ލެބޯޓްރީ ވަސީލަތްތަކުގެ މުހިންމުކަން ރައީސަށް އެންމެ ފުރިހަމައަށް އެނގިވަޑައިގަންނަވާނެ ކަމަށް ދަރިވަރުން ޤަބޫލުކުރެއެވެ.

"އިންޖިނިއަރިންގ އެންޑް ސައިންސްގެ ކޯސްތައް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ އިމާރާތަކާއެކު އެފަދަ ފެކަލްޓީއެެއް ލިބިގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ބޭނުންވާކަމެއް. ރައީސްއަކީވެސް މި ދާއިރާގެ ސްޕްޝަލިސްޓެއް ކަމަށްވުމުން އަޅުގަނޑުމެން ގަބޫލުކުރަނީ ރައީސްގެ މި ޒައާމްމަތުގައި ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ލެބްތަކާއެއްކޮށް މި ފަދަ ފެކަލްޓީއެއް ބިނާކޮށްދެއްވުން." ދަރިވަރަކު ކިޔައިދިނެވެ.

ދިވެހި އިންޖިނިއަރުންގެ ކަންބޮޑުވުންތަކަކީ ހަމައެކަނި ވަކި ބައެއްގެ މައްސަލައެއް ނޫނެވެ. އެއީ ޤައުމުގެ ރައްކާތެރިކަމާއި، އުމްރާނީ ތަރައްޤީގެ ފެންވަރާއި، އަދި ދިވެހި ޒުވާނުންގެ ވަޒީފާގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ސަރުކާރުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ލައިސެންސް ނެތި ކުރާ މަސައްކަތްތައް ހުއްޓުވުމާއި، ޤަވާޢިދުތައް ހަރުދަނާކުރުމުގެ އިތުރުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.