ޅ. މާބިންހުރާ ކުއްޔަށްދިނުމަށްފަހު ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި މައްސަލައިން ދިފާޢުވުމަށް ދިފާޢީ ހެކިންގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރާއި ބީއެމްއެލްގެ ސީއީއޯގެ ނަން، އެ މައްސަލާގައި ހިމެނޭ ޙާމިދު އިސްމާޢީލް ހުށައަޅުއްވައިފިއެވެ.
ޅ. މާބިންހުރާ ކުއްޔަށްދިނުމަށްފަހު ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި މައްސަލާގައި ޙާމިދުގެ އިތުރުން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާ ދެކޮޅަށްވެސް ދައުލަތުން ދަޢުވާ އުފުއްލަވާފައިވެއެވެ. މި މައްސަލާގައި ހެކިން ހުށައެޅުމަށް މިއަދު ބޭއްވެވި އަޑުއެހުމުގައި ކުށުން ދިފާޢުވުމަށް ޙާމިދުގެ ފަރާތުން އެމްއެމްއޭގެ ގަވަނަރ ޑރ. ޢާޒިމާ އާދަމާއި ބީއެމްއެލްގެ ސީއީއޯގެ އެންޑްރޫ ހީލީގެ އިތުރުން ހަތަރު މީހެއްގެ ނަންވެސް ހުށައަޅުއްވާފައިވެއެވެ. މައްސަލައިން ދިފާޢުވުމަށް ހެކީގެ ގޮތުގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބް ހުށައަޅުއްވާފައިވަނީ އެމްއެމްޕީއާރުސީއާއި އެކޯޕަރޭޝަނަށް ލިބުނުކަމަށް ބުނާ ފަސް މިލޔަން ޑޮލަރު ޖަމާކުރި މޮންޓަރިއަލް ކުންފުނީގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދެވެ.
ޢަބްދުﷲ ޒިޔަތުގެ ފަރާތްޕުޅުން ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވަނީ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި އޭނާ ތަޙުޤީޤަށް ދެއްވާފައިވާ ބަޔާނެވެ. މިއަދުގެ އަޑުއެހުމުގައި ޖަވާބުދާރީވަމުން ޢަބްދުﷲ ޒިޔަތު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކުރާނެކަމަށް ބުނެ ވަކިގޮތަކަށް ފުލުހުން ތަޙުޤީޤު ބަޔާން ނަގާފައިވާކަމަށް ބުނެ، އެ ބަޔާނަށް އިންކާރުކުރައްވާފައެވެ. މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ މި 3 ބޭފުޅުންނާ ދެކޮޅަށް ސިއްރު ހެކީގެ ގޮތުގައި ދެމީހެއްގެ ނަން ހުށައަޅުއްވާފައެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ލިޔުންކިޔުންތަކެއް ހެކީގެ ގޮތުގައި ހުށައަޅާފައިވާއިރު އޭގެ ތެރޭގައި އެސްޓިއޯއާއި ޙާމިދު އިސްމާޢީލްގެ ބޭންކް ސްޓޭޓްމަންޓްވެސް ހިމެނެއެވެ.