ޚަބަރު

މަގާމުން ވަކިކުރުމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ޕީޖީ ޝަމީމު ކޮމިޓީއަށް ހާޒިރުކުރަނީ


  • ޖަވާބުދާރީވުމަށް ޝަމީމަށް ފޮނުވި ނޯޓިސް، ބުދަ ދުވަހަށް ހަމަވާނެ

  • ޝަމީމަށް ތުހުމަތުކުރާ 5 ކަމަކާގުޅޭ މަޢުލޫމާތު ހޯދަން ކޮމިޓީން ވަނީ ފާސްކޮށްފައި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަައަށް ޖަވާބުދާރީވުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކުރަން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. މި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމާފައިވަނީ ޝަމީމް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.

މިއަދު ކުރިއަށްދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވީ ޕީޖީ ޝަމީމް ޖަވާބުދާރީވުމަށް ޤާނޫނުގައި ބަޔާންކުރާ 5 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ނޯޓިސް ފޮނުވި ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޖުޑީޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޝަމީމަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން 5 ތުހުމަތަކާގުޅޭ ލިޔެކިޔުންތައް ހޯދުމަށްވެސް ނިންމާފައެވެ.

ޝަމީމަށް ކުރެވޭ ތުހުމަތުތައް

• ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން
• މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން
• ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން
• މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން
• ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން
• އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުން
• ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން
• ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އެ މަގާމުގެ ދައުރު މިއަހަރުގެ ޑިސެމްބަރުމަހަށް ހަމަވާނެއެވެ.