ޚަބަރު

ކޮންމެ ވޯޓަކީ ރައްޔިތުމީހާ އަތުގައި އޮތް ބާރެއް!


  • 1950 ގެ ފަހުކޮޅުގައި ރައްޔިތުންގެ ވޯޓަކުން ފުރަތަމަ ފަހަރަށް ވަޒީރުލް ޢައުޒަމް އައްޔަންކުރި

  • އަންހެން ވޯޓުލުމުގެ ހައްޤު ލިބިގެން ދިޔައީ 1964 ވަނަ އަހަރު

  • ވޯޓުލާ މީހުންގެ ނިސްބަތް މަދުވަމުންދާކަން އިންތިހާބުތަކުން ފެނޭ

މިނިވަން ދިމިޤްރާތީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ މި ބާރު އެންމެ ބޮޑަށް ފެނިގެންދަނީ އިންތިހާބުތަކުގައި ރައްޔިތުން ލާ ވޯޓުންނެވެ. މިއަދު ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރާއިރު، މިދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބާރަކީ ފާހަގަ" މިއެވެ.

ދިވެހި ޖުމްހޫރީއްޔާގެ ޤާނޫނު އަސާސީގައި ލިޔެވި އެކަމުގެ މައްޗަށް އެކުލަވާލެވޭ ހުރިހާ ޤާނޫނެއް ވުޖޫދުކުރެވޭ އެއް އަސްލަކީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިންކަން އޮވެއެވެ.

ދިވެހިން ފުރިހަމަ މިނިވަންކަމާއެކު ކޮންމެ 5 އަހަރަކުން ހޮވާ ވަލީޔުލްޢަމްރުގެ މަޤާމުން ފެށީގެން ދައުލަތުގެ ތެރޭގައި ހިމެނޭ ހުރިހާ ބައެއްގެ މައްޗަށް ހިންގާ ޤާނޫނުތައް އެކުލަވާލުމަށް މަޖިލީހަށް ހޮވާ މެންބަރުންގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކަންކަން ނިންމުމަށް ހޮވާ ކައުންސިލަރުންވެސް ހޮވަނީ ރައްޔިތުންނެވެ. ރައްޔިތުންގެ ކިބަައިން ބާރުތައް ފެށިގެންދާ ކަމަށް ޤާނޫނުގައި ބަޔާން ކުރަނީ މި ސަބަބާގުޅިގެންނެވެ.

ދިވެހި ތާރީޚުގައި ވޯޓުލުމުގެ ހައްޤު ކަށަވަރުވެގެން އައުން

ދިވެހިންނަށް އަމިއްލައަށް ވެރިއަކު ހޮވުމުގެ ފުރުޞަތު އެންމެ ފުރަތަމަ ލިބިގެންދިޔައީ 1950ގެ ފަހުކޮޅުގައެވެ. އެއަހަރު އާންމު ރައްޔިތުންގެ 12،400 އަށްވުރެ ގިނަ ވޯޓާއެކު، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަޒީރުލް އައުޒަމްގެ މަގާމަށް އައްޔަންކުރިއެވެ. އޭގެ ފަހުން 1951 ވަނަ އަހަރު އޭރު އޮތް ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން އަތޮޅުތަކާއި އަވަށްތައް ތަމްސީލުކުރާ މެންބަރުން އެއަތޮޅަކާއި އެއަވަށެއްގެ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާގޮތަށް ބަދަލުކުރެވުނެވެ. އޭގެ ފަހުން 1964 ވަނަ އަހަރަކީ ދިވެހިންގެ ވޯޓުލުމުގެ ތާރިޚުގަ ފާހަގަކުރެވުނު އަހަރެކެވެ. އެއީ ފުރަތަމަ ފަހަރަށް ދިވެހި އަންހެން ކަނބަލުންނަށް ވޯޓުލުމުގެ ހައްޤު އޭރުގެ ރައީސް އިބްރާޙީމް ނާސިރު ހޯއްދަވައިދެއްވި އަހަރެވެ.

ރާއްޖޭގެ ތާރީޚުގައި އަތޮޅުތަކާއި ރަށްރަށުގެ ކަންކަން ނިންމައި ހިންގުމަށް ޤާނޫނެއް އެކުލަވާލައި، އެ ރަށަކަށް ރަށްޔިތުންގެ ވޯޓުން ވެރިން އިންތިޚާބުކުރަން ފެށީ މިހާރު ޢަމަލުކުރަމުންދާ، ލާމަރުކަޒީ ޤާނޫނާއިއެކު 2011ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭގައި ބޮޑު 3 އިންތިޚާބެއް ކޮންމެ ފަސް އަހަރަކުން ދަނީ ބާއްވަމުންނެވެ. އެއީ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެވެ. މީގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮންމެ 3 އަހަރަކުން ބާއްވާގޮތަށްވެސް ކަނޑައެޅުނެވެ. މިއިން ކޮންމެ އިންތިހާބަކީވެސް ރައްޔިތުން އަމިއްލަ ގޮތް ނިންމުމުގެ ހައްޤު ފުރިހަމައަށް ލިބިދީފައިވާ އިންތިޚާބުތަކެވެ.

ވޯޓުލާ މީހުންގެ ދުވަހެއް ފާހަގަކުރަނީ ކީއްވެ؟

ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤަކީ، ދިވެހިން އަބަދުވެސް ބޭނުން ކުރަމުންއައި މުހިންމު ހައްޤެކެވެ. އެކަށީގެންވާ ގޮތެއްގައި މި ޙައްޤުގެ ބޭނުން ރައްޔިތުން ހިފާތޯ މިއީ ފަހަކަށް އައިސް އުފެދިފައިވާ ސުވާލެކެވެ. ނަމަވެސް ދިވެހި ރާއްޖޭގައި މި ދުވަސް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަހަރު ފަށާއިރު، މި ދުވަސް ފާހަގަ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، މުޅި ދައުލަށް އޭގެ މައްޗަށް ބިނާވާ ނިޒާމު އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން، އެރައްޔިތުން ދޭވޯޓަކުން ކަމަށް ވުމުންނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ވިސްނުމަކީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް އަންގައިދީ މި ނިޒާމުގައި ވޯޓުލުމުގެ އިތުރުންވެސް ރައްޔިތުންގެ މަޝްވަރާގެމަތިން ކަންކަން ނިންމުމުގެ ވިސްނުން ރައްޔިތުންގެ ކިބައިގަ އަށަގަންނެވުމެވެ.

މިއަދު އެދުވަސް ފާހަގަކުރަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ރައްޔިތުންނަށް ލިބިފައިވާ މި ބާރުގެ ބޭނުން ރައްޔިތުން ކުރުމާއި މެދު ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕެނަލް ޑިސްކަޝަނަކާއި، ކުއިޒެއް ދުވަހާއި ގުޅިގެން ބާއްވަން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ ބާރުވެރިކަން އެގޮތުގައި ދަމަހައްޓަން ޖެހޭ

ހަޤީގަތަކީ 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވޯޓުލުމުގެ ފުރިހަމަ ހައްޤު ލިބިގެންވާކަމެވެ. ނަމަވެސް އެ ހައްޤު ބޭނުން ކުރާ މީހުންގެ ނިސްބަތް، މަދުވަމުންދާ ކަމީ އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަމުންދާ ހަޤީޤަތެކެވެ. މިގޮތަށް ދިމާވާ ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. އޭގެ ތެރޭގައި ނިޒާމުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ކުޑަވުމާއި، ކުރިމަތިލާ މީހުންގެ ކިބައިގަ ރައްޔިތުން ޤަބޫލުކުރާ ފެންވަރު ނެތުމުގެ އިތުރުން ޕާޓީތަކާއި މެދު އޮތް ހިތްހަމަ ނުޖެހުންވެސް އޭގެ ސަބަބަކަށް ވުން އެކަށީގެންވެއެވެ.

ކަން ކޮންމެ ގޮތަކަށް އޮތަސް، ރައްޔިތުންގެ ވޯޓުލުމާއި ދުރުވާ ސަބަބު އިލެކްޝަންސް ކޮމިޝަނުން ބެލުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރާއިރު، ވޯޓުލުމާއި މީހުން ދުރުވާ ސަބަބުތައް ދެނެގަތުމަށް ސާވޭއެއް ކުރިއަށް ގެންދާނެއެވެ.

މިހުރިހާ ކަމެއްގައިވެސް މިއަދު ވިސްނަން ޖެހޭ އެއް ހަޤީޤަތަކީ، މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވޭކަން ކަށަވަރުކޮށް އަދި މަޤާމުތަކަށް އެންމެ ޤާބިލް މީހުން ހޮވުމުގެ ބާރު އޮތީ ވަކި ޕާޓީއެއް ނުވަތަ ވަކި މީހެއްގެ އަތުގައި ނޫންކަމެވެ. ރައްޔިތުންގެ ކަމުނުދާ ސިޔާސަތުތަކެއް ގެންގުޅޭނަމަ، މަޤާމުން ދުރުކުރުމުގެ ބާރު ރައްޔިތުންގެ އަތުގައި އެބައޮތެވެ. އެހެނީ ދެވަނަ ފަހަރަށް އެފަދަ މަޤާމުތަކަށް އެބަޔަކު ނުހޮވާ ދޫކޮށްލުމަކީ ރައްޔިތުންނަށް އޮތް ބާރެކެވެ. ރާއްޖޭގައި މިހާރު އާންމުކޮށް ފެންނަނީ ކޮންމެ 5 އަހަރަކުން ނިޒާމު ހިންގުމާއި މުޅިން އައު ބަޔަކު ހަވާލުވާތަނެވެ.

އެހެން ކަމުން މި ބާރުވެރިކަން ރައްޔިތުންގެ ކިބައިގައި ދެމެހެއްޓުމަށް ތިމާގެ "ފާހަގަ" ބާރުވެރި ކުރުވުމަކީ އަމިއްލަ ޒިންމާއަކަށް ހަދަން ޖެހެއެވެ. ވޯޓުލައިގެން ހޮވާ މީހަކު ޖަވާބުދާރީ ކުރެވޭނީވެސް އެ ވޯޓު ދިން ބަޔަކަށެވެ. ނަފްސު މަދު ފައިސާކޮޅަކަށް ވިއްކާ ނުލާ އެންމެ އަދުލުވެރި އަދި އެންމެ ޤާބިލް މީހަކަށް ތިމާގެ ފާހަގަ ޖެހުމަކީ މި ނިޒާމު އެ މައްޗަށް ބިނާވެފައިވާ ޤާނޫނު އަސާސީއިން ލިބިދީފައިވާ ބާރު ކަށަވަރުކުރެވެން އޮތްގޮތެވެ.

ރައްޔިތުންނަށްވުރެ ބާރުގަދަ ސިޔާސީ ވެރިއެއް އަދި ސިޔާސަތެއްވެސް ނޯންނާނެކަން ދިވެހިން 2008 ވަނަ އަހަރު ބަލައިގަނެ މިހާރުވެސް އަމަލުކުރަމުންގެންދާ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރު ކޮށްދެއެވެ. އަދި ހަމަ އެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން އަޅުގަނޑުމެންނަށް އެ ބާރު ވޯޓު ލުމުގެ ހައްޤުގެ ގޮތުގައި ވަނީ ވަނީ ލިބިދީފައެވެ.