ޚަބަރު

އާރުބީއައިއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


  • ޔޫޕީއައިއާއި ފަވަރަ ގުޅާލުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރި

  • ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދެއްވީތީ ޝުކުރު އަދާކުރެއްވި

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ގަވަރުނަރު މުނައްވަރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު، ރިޒަރވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާއި ބައްދަލުކުރެއްވީ އިންޑިއާގެ ވެރިރަށް ދިއްލީގައެވެ. މި ބައްދަލުކުރެއްވުން ބޭއްވީ އާރް.ބީ.އައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް ހާއްސަކޮށް ބޭއްވި ބައިނަލްއަގުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، 30 ބިލިއަން އިންޑިއަން ރޫޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދެއްވިކަމަށްޓަކައި، ގަވަރުނަރު ވަނީ އާރް.ބީ.އައި އަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ޔޫ.ޕީ.އައި އާއި ފަވަރަ ގުޅާލުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.


މި ބައްދަލުވުމުގައި އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ 'ޕާސަން-ޓު-މާޗަންޓް' ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މިއީ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށްދީ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ގަވަރުނަރުން މަޝްވަރާކުރެއްވިކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

'ފަވަރަ'އާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް 'ޔޫޕީއައި' ގުޅާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 30ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއްކަމަށް އެމްއެމްއޭއިން ފާހަގަކުރައްވައެވެ. މިއާއިއެކު ދެ ގައުމުގެ ދެމެދުގައި ފައިސާ ފޮނުވުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.