ޚަބަރު

އިމްޕޯޓްކުރާ ކާބޯތަކެތި ލޭބަލްކުރުމުގެ ނިޒާމު ވަރުގަދަކޮށް، އެމްއެފްޑީއޭގެ ޒިންމާ ބޮޑުކޮށްފި


  • ކުރިން މުދާ ލޭބަލްކުރުން ލާޒިމްކުރީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުން

  • ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުން އިމްޕޯޓްކުރާ ކާބޯތަކެތި ލޭބަލްކުރުމަކީ އެތެރެކުރާ ފަރާތުގެ ޒިންމާއެއް

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން ކާބޯތަކެތި އެތެރެކުރެވޭ ނިސްބަތްދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ސަބަބަކީ އިތުރުވަމުންދާ ރާއްޖޭގެ އާބާދީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތެވެ. އެހެންކަމުން ފުރިހަމަ ނިޒާމެއްގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހީންގެ ދުޅަހެޔޮކަމާއި ރާއްޖޭގެ އިޤްތިޞާދާއި ސީދާގޮތުން ގުޅޭކަންކަމެވެ. އެހެންނަމަވެސް ފުރިހަމަ މާނައިގައި ރާއްޖެއަށް އެތެރެކުރެވޭ މުދާ ބަލާ ފާސްކޮށް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ހުންނަ ކާބޯތަކެތި އެތެރެކުރާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ނެތެވެ. އެހެންނަމަވެސް އަލަށް ތަންފީޒުކުރަން ފެށުނު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއެކު މިކަން ވަނީ ބަދަލުވެފައެވެ.

ފިހާރަތަކުގައި ވިއްކާ އިމްޕޯޓް މުދަލުގެ ތެރެއިން ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ ތެރޭގައި ޢާއްމުކޮށް ދިވެހީންނަށް އެނގޭ ބަހަކުން ލިޔެފައި ނުހުންނަ ކާބޯތަކެތި ހުރެއެވެ. އެހެންކަމުން އެ ތަކެތި އުފެއްދުމުގައި ބޭނުންކޮށްފައިވާ ބައިތައް އެނގޭކަށް ނުހުރެއެވެ.

2020 ވަނަ އަހަރު އެކުލަވާލެވުނު "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ" ދަށުން މުދާ ގަންނަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިދެއެވެ. އެހެންނަމަވެސް އޭރު މިކަންކަން ބަލައި މޮނީޓަރކޮށް ފިޔަވަޅު އެޅުމުގެ ދައުރު އޮތީ ހަނިވެފައިކަން އެމްއެފްޑީއޭއިން ފާހަގަކުރައްވައެވެ.

އަލަށް އެކުލަވާލެވުނު ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުން އެބާރުތައް އެމްއެފްޑީއޭއަށް ލިބިދެއެވެ. އެގޮތުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި ސިއްޙީގޮތުން ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށް ފުރިހަމަވާންޖެހޭކަންކަން ފުރިހަމަ ކުރުމަކީ މުދާ އެތެރެކުރާ ފަރާތްތަކުގެ ޒިންމާއެއްގެ ގޮތުގައި މި ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. މިގޮތުން އެތެރެކުރާ ކާބޯތަކެތީގައި ހުންނަންޖެހޭ އެންމެ މުހިއްމު އެއް ޝަރުތަކީ އެބާވަތެއް ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ ތަކެތި އަދި ނިއުޓްރިއެންޓްތައް އެނގޭގޮތަށް ލޭބަލްކޮށްފައި ހުރުމެވެ.

މިގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ވިއްކާ ކާބޯތަކެތި އުފެއްދިތަނާއި އޭގައި އެކުލެވޭ ބައިތަކާއި އޭގައި އެކުލެވޭ ނިއުޓްރިޝަނަލް މަޢުލޫމާތާއި ކެލަރީގެ މިންވަރުގެ އިތުރުން ރައްކާކޮށް ބަހައްޓާނެ ގޮތާއި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުވެސް ގަންނަ ފަރާތްތަކަށް ސާފުވާގޮތަށް ލޭބަލްކޮށްފައި ހުންނަންވާނެއެވެ.

މިޤާނޫނުގެ ދަށުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދޫކުރާ ޚާއްސަ ލައިސަންސެއް ހޯދަންޖެހެއެވެ. އައު ޤާނޫނުން ބޮޑެތި ބާރުތަކެއް އެމްއެފްޑީއޭއަށް ދީފައިވާއިރު ގިނަ ޒިންމާތަކެއްވެސް ވަނީ އެއޮތޯރިޓީއަށް މަތިކޮށްފައެވެ. މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލުގައި ހުންނަންވާނެ މަޢުލޫމާތުތައް ހުންނަންވާނެ މިންވަރު ބަޔާންކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ގަވާއިދު އެމްއެފްޑީއޭއިން ޢާއްމުކުރަންޖެހެއެވެ. މިޤާނޫނުގައި ބަޔާންކުރާ ކަންކަން ބަލައި މޮނީޓަރކުރުމަށް އެމްއެފްޑީއޭގެ އިންސްޕެކްޝަން ވަރުގަދަކުރަންޖެހެއެވެ. މިކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޤާނޫނާއި ގަވާއިދާ ޚިލާފުވާ ތަކެއްޗާމެދު އެމްއެފްޑީއޭއަށް އެލަރޓްކުރަމުންދާނެއެވެ.

މިޤާނޫނު ތަންފީޒުކުރުމުގައި ޢާއްމުންގެ އެހީއަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. މިގޮތުން ކާބޯތަކެއްޗާއި ގުޅޭ ކަންބޮޑުވުންތަކާއި ޝަކުވާ ހުށައެޅުމަށް ޚާއްސަ ނަންބަރެއްވެސް މިހާރުވަނީ ޤާއިމުކޮށްފައެވެ. އެހެންކަމުން ވިއްކަން ހުންނަ ކާބޯތަކެތީގެ މައްސަލައެއް ފާހަގަވެއްޖެނަމަ އެނަމްބަރަށް މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

އަލަށް އެކުލަވާލެވުނު ޤާނޫނާއެކު ރާއްޖެއަށް އެތެރެކޮށް ވިއްކާ މުދަލަކީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އެއްޗެއްކަން ރައްޔިތުންނަށް ކަށަވަރުވާނެކަމުގެ އުއްމީދެއް ވަނީ ލިބިގެންގޮސްފައެވެ. އެހެންނަމަވެސް ތަންފީޒީ މަރުޙަލާގައި މީގެކުރިން ކުރެވިފައިވާ ތަޖުރިބާއިން ރައްޔިތުންނަށް އެއިތުބާރު ހޯދައިދިނުމަކީވެސް މުހިއްމުކަމެކެވެ. އެގޮތުން ރަނގަޅު ފެންވަރުގައި ލޭބަލް ނުކޮށް ވިއްކާ މުދާ ބާޒާރުގައި ނެތްކަން ކަށަވަރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.