ދީން

ދަރަވަންދޫ ބޮޑު މިސްކިތް މަރާމާތަށްފަހު، ރޯދައިގެ ކުރިން ހުޅުވަނީ


ބ ދަރަވަންދޫ ބޮޑު މިސްކިތުގެ އާބާތުރަ ފިލުވާ ރަމަޟާންމަހުގެ ކުރިން މިސްކިތް ހުޅުވާނެކަމަށް ބ ދަރަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ދަރަވަންދޫ ކައުންސިލްގެ ރައީސް ހުސައިން ނާޒިމް ވިދާޅުވީ ރަމަޟާންމަހަށް ޚާއްސަކޮށް އެ ރަށުގެ ދެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބޮޑު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކަމަށާއި މިހާރު ކުޑަ މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށް ނިމިފައިވާ ކައުންސިލުން ވިދާޅުވިއެވެ. 

ބ. ދަރަވަންދޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެރަށުގައި ފަތުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. ދަރަވަންދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާއިރު މި ދެ މިސްކިތުގައިވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދީފައިވާނެކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ނާޒިމް ވިދާޅުވިއެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ އިތުރުން މީހުން ވަޅުލުމުގެ ކަންކަން ރަނގަޅުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ބ. ދަރަވަންދޫ ކައުންސިލުން ވިދާޅުވެއެވެ.