އަހަރުގެ މިހާތަނަށް އިޓަލީން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިޓަލީއަކީ މިހާރު 4 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އިޓަލީން ރާއްޖެއަށްވަނީ 100082 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު އިޓަލީން ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 118412 ފަތުރުވެރިންނެވެ. އަދި އިޓަލީއަކީ މިދިޔަ އަހަރުތެރޭ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ސަރުކާރުން ދަނީ އެޤައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިޓަލީގައި ރޯޑް ޝޯތައް ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 194907 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.2 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު %10.5 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6044 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިން 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިއަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 659804 ފަތުރުވެރިންނެވެ.