ޚަބަރު

ޑްރަގް ނެޓްވޯކެއްގެ އިސް 2 މީހަކު 17 ކިލޯ ޑްރަގާއެކު ހައްޔަރުކޮށްފި


  • ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވޭ

  • 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވޭ

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެންބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. މި ދެމީހުންނަކީވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުންނެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.