ޚަބަރު

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިފި


  • މިއީ އީ-ކޮމާސްގައި ހަރަކާތްތެރިވާ ފަރާތްތަކުން އިންތިޒާރުކުރަމުންދާ ޚިދުމަތެއް

  • މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް

ދިވެހިރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށްޓަކާ ފުލް ޕްރޮޕޯސަލް ޕޭޕަލް ކުންފުންޏަށް ހުށަހަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަމުންނެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތަކީ ދިވެހި ޒުވާނުންނާއި އީ-ކޮމާސްގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން އިންތިޒާރުކުރަމުންދާ ޚިދުމަތެއްކަމަށެވެ. އެހެންނަމަވެސް، މި ޚިދުމަތަކީ މިހާތަނަށް ރާއްޖޭގައި ތައާރަފުކުރެވި، ލިބެން ފަށާފައިވާ ޚިދުމަތެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް ތަފާތު އެކި ޚިދުމަތްތައް ތައާރަފްކޮށް، ޒުވާނުންގެ ކުރިމަގަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބިތަނަކަށްވީއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން އާމްދަނީ ހޯދުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އަލަށް އުފެދިގެން އަންނަ ކްރިއޭޓިވް ނުވަތަ އުފެއްދުންތެރިން އޮންލައިންކޮށް އެތައް ވިޔަފާރިއެއް ކުރަމުންދާއިރު ރާއްޖޭގެ ޑިޖިޓަލް އީ-ކޮމާސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ގޮންޖެހުން ކުޑަކުރުމަށް ޕޭޕަލްގެ ޙިދުމަތް ރާއްޖޭގައި ތައާރަފްކުރުމަށް ކަމާއިގުޅުން ހުރި މާހިރުންނާއި މަޝްވަރާތައް ކުރުމަށްފަހު ޕޭޕަލް ކުންފުންޏަށް ރާއްޖޭގެ ފުލް ޕްރޮޕޯސަލް ހުށައަޅާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ ދެ ދުވަސް ކުރިން އަޅުގަނޑުމެންވާނީ ރާއްޖޭގެ ފުލް ޕްރޮޕޯސަލް ޕޭޕަލްއަށް ހުށައަޅާފައި. އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް. ސީދާ އަދި އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ ކޮންއިރަކުކަމެއް ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށޭނި. ނަމަވެސް ޕޭޕަލް ރާއްޖެއަށް ގެނެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރެއެވެ. ނަމަވެސް ރާއްޖޭގައި ޕޭޕަލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރު މީހުން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ރީސީވްވާނެ ނުވަތަ ލިބިގަނެވޭނެ ގޮތެއް ނޯވެއެވެ.

ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކާ ސަރުކާރުން މިހާރު ދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އިތުބާރު ލިބިފައިވާ އެކި އީ-ވޮލެޓް ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމް ހަރުދަނާވެ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.