ޚަބަރު

ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުވެރިކަން އިޢާދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ: އާދަމް ނަޞީރު


  • ޤައުމިއްޔަތާ ގުޅުންހުރި އެކި ބަހާތައް ދިރިވުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ހުންނަކަމަށް ވިދާޅުވި

ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުވެރިކަން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ ބަހާތައް ދިރުވުމަށާއި ދިވެހިންގެ އަމިއްލަވަންތަކަމާއި ތާރީޚުގެ ޢިލްމު ދިރުވާ އާލާކުރުމަށް ގިނަ ބަޔަކު މިހާރު ޝައުގުވެރިކަން ހުންނަ ކަމަށެވެ.

"އަޅުގަނޑު ގާތު މީހަކު ދެންނެވި އަޅުގަނޑުމެން މިތިބީ ޤައުމިއްޔަތަށާއި ދިވެހިން އަސްލުވަންތަކަން އަލުން އިޢާދަކުރައްވާނެ ރައީސެއްގެ އިންތިޒާރުގައޭ. ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް." ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ދިވެހި ސަގާފީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއްވަނީ އުފައްދަވާފައެވެ. މި މަރުކަޒުން ދިވެހިންގެ ސަގާފަތާއި ތަރިކައާއި ތާރީޚާ ގުޅުންހުރި ދިރާސާތައްކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.