ޚަބަރު

އިންޖިނިއަރިން ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓަރީއެއް ޤާއިމުކުރަނީ


  • އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރާ ދަރިވަރުން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވި

  • މި ލެބޯޓަރީއާއެކު ދިވެހި ދަރިވަރުންނަށާއި ރާއްޖެއިން ބޭރުންއައިސް ދިރާސާ އަދި ތަހުލީލުކުރެވޭނެ

ރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަހުލީލާއި ދިރާސާތައް ކުރެވޭނެ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގައި އިންޖިނިއަރިން ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.

ރާއްޖޭގެ ޤައުމީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައިވަނީ ރާއްޖޭގެ ހުރިހާ އިންޖިނިއަރުންނަށާއި، އެދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނާއި، އެދާއިރާއިން މީހުން ބިނާކުރުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. އަދި އިންޖިނިއއަރިން ދާއިރާއަށް އިތުރު ދިވެހިން ނެރެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރާ ކުދިންގެ ޢަދަދު އިރުވެގެންދިޔުމަށް އެދިވަޑައިގަންނަވާކަމަށެވެ. އެކަމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެ އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަޙުލީލުކުރެވޭ އަދި ދިރާސާތައްކުރެވޭ ސްޓޭޓް އޮފް ދި އާޓް ނުވަތަ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ފެސިލިޓީއެއް ތަރައްޤީކުރުމަށް ނިންމަވާފައިވާކަން ޢިއުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ލެބޯޓަރީ ވެގެންދާނީ ދިވެހި ދަރިވަރުންނަށާއި، ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ ތަނަކަށްކަމަށެވެ.

"އެލެބޯޓަރީގައި ސިވިލް އިންޖިނިއަރުން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއަރ އިންޖިނިއަރިން، އެއަރކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭހެން އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ތަހުލީލުތައް އަދި ދިރާސާތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި އެތަނަކީ ރާއްޖޭގައި އެދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށާއި، ރާއްޖެއިން ބޭރުންއައިސްވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުޞަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ހަދާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ލެބޯޓަރީގެ މަސައްކަތަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓްމަންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި އެމަސައްކަތް ކުރެއްވުމަށް ނިންމަވާފައިވަނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނިވި ގޮތަކަށްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައެވެ. އެދުވަހަކީ ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވި ތާރީޚީ ދުވަހެވެ.