ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުން ހާމަވެގެންދިޔައީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރުކަމަށް ޤައުމިއްޔަތު ކޮލެޖުގެ ދިވެހިބަހުގެ އިސްވާރު މަރްޔަމް ތައުފީޤާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ރިޔާސީ ތަޤުރީރުގެ ނަމުގައި ޕީސްއެމް ނިއުސްއިން ގެނެސްދިން ޤައުމީ ދުވަހުގެ ޚާއްސަ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤުރީރާ ބެހޭގޮތުން ވާހަކަދައްކަވަމުން ދިވެހިބަހުގެ އިސްވާރު މަރްޔަމް ތައުފީޤާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދެއްވި ތަޤުރީރުގައި އެމަނިކުފާނުގެ ހިތުގައި ޤައުމަށް އޮތް ލޯބި ހާމަވެގެންދިޔަ ކަމަށެވެ. އަދި ޤައުމިއްޔަތާއި ދިވެހިވަންތަކަމާއި ދިވެހީންގެ އަމިއްލަވަންތަ ސިފަތައް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް މުޢިއްޒު ނިންމެވިކަމަށް މަރްޔަމް ތައުފީޤާ ވިދާޅުވިއެވެ.
ތައުފީޤާ ވިދާޅުވީ ޤައުމީ ދުވަހު ރައީސް ދެއްވި ތަޤުރީރުން ހާމަވެގެންދިޔައީ ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންގެ ތަނަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސް ޑރ.މުޢިއްޒު ބޭނުންފުޅުވާ މިންވަރު ކަމަށެވެ.
"ވަރަށް ފުރިހަމަ ތަޤުރީރެއް ރައީސް ދެއްވީ. ރައީސް ވެރިކަމާ ހަވާލުވެ ފުރަތަމ ދެއްވި ތަޤުރީރުގައިވެސް ޤައުމަށް އޮތް ލޯބި ހާމަކުރެއްވި. ރައީސް ބޭނުންވޭ ރާއްޖެ މިއީ އަޅުގަނޑުމެންގެ ތަނެއްގެ އޮތުމަށް. އެކަމާ ގުޅޭ ވަރަށް ގިނަ ވާހަކަތަކެއް ޖަލްސާގައި ދެއްކެވީ." މަރިޔަމް ތައުފީޤާ ވިދާޅުވިއެވެ.
މަރްޔަމް ތައުފީޤާވަނީ ރައީސް ޑރ. މުޢިއްޒު ޤައުމީ ދުވަހު ދެއްވި ތަޤުރީރުގައި ހިމެނޭ ބައެއް އުސްއަލިތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިވެހި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި ބޭރުގެ ޙަމަލާތަކުން ޤައުމު ރައްކާތެރިކުރުމަށް އިހުގެ ކާބަފައިން ގިނަ މަސައްކަތްތަކެއް ކުރެއްވި ވާހަކަ ރައީސްގެ ތަޤުރީރުގައި ވިދާޅުވިކަމަށާއި، އެއިން އަދުގެ ޖީލު އިބްރަތް ޙާސިލްކުރަންޖެހޭކަމަށް ތަޢުފީޤާ ވިދާޅުވިއެވެ.
"މަދު ވަޞީލަތްތަކެއް ބޭނުންކޮށްގެން މާލެ ވަށައި ބޮޑުފާރެއް ރޭނޭނީ ގިނަ ބައެއްގެ މަސައްކަތުން. ގިނަ ފިކުރުތަކެއް ކޮށްގެން. ކާބަފައިން މާލެ ހިމާޔަތްކުރުމަށްޓަކައި ފާރު ރޭނީ. އެކަމުން އަންގައިދެނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުންކަން، ޤައުމު ދިފާޢުކުރީ. އެފަދަ ބައެއްކަން ދިވެހިންނަކީ. އެވާހަކަ ރައީސް ވިދާޅުވީ." މަރްޔަމް ތައުފީޤާ ވިދާޅުވިއެވެ.
މަރްޔަމް ތައުފީޤާ ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހި ގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާކަން ހާމަވިކަމަށެވެ.
ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގެ ފުރިހަމަކަމަށް އެތައް ބަޔަކު އަންނަނީ ތަޢުރީފްކުރަމުންނެވެ. ތާރީޚް ދިރާސާކުރައްވާ ބޭފުޅުންނާއި، ޢިލްމީ ބޭފުޅުންވެސް ވަނީ ރައީސްގެ ތަގުރީރުން ޤައުމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަވެގެންދިޔަކަމަށެވެ.