މަރާމާތަށްފަހު މާލޭ އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވާލައިފިއެވެ. އާސަހަރާ މިސްކިތް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހުއެވެ.
އާސަހަރާ މިސްކިތް މަރާމާތުކުރުމަށް، އެތަން ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މޭމަހުގައެވެ. އަދި އާސަހަރާ މިސްކިތަށް ގެންނަންޖެހޭ މަރާމާތުގެ މަސައްކަތްތައް ހަމަ އެ މަހު ފަށާފައިވެއެވެ.
އާސަހަރާ މިސްކިތް ތަރައްޤީކުރަނީ 2 ފަންގިފިލާއަކަށެވެ. މީގެ ތެރެއިން ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމާ މިހާރު މިވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާއަކީ ފިރިހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދު ކަމަށެވެ. އަދި މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމާ މިމަހުގެ ފަހު ހަފްތާގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
އާސަހަރާ މިސްކިތުގެ މަރާމާތަށްފަހު އެތަނުގައި ޖަނާޒާގެ ކަންކަމާއެކު މީހުން ވަޅުލުމުގެ ކަންކަންކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ޤާއިމުކުރެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މަސައްކަތް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެ ކަމަށާއި ނަމާދުކުރާ ސަރަޙައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުވެސް އޭސީކޮށްފައި ހުންނާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާޚާނާއާއެކު ފަސޭހަކަމާއެކު ސަހަރާތެރޭގައި އުޅެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުން އާސަހަރާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކުރެވޭނެއެވެ.
މާލޭގެ އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢުއަށް 11.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ފިނިޝިން މަސައްކަތް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށެވެ.
ސަހަރާ ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެންނާއި ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއެކު އަންހެންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއެކުގައެވެ.