ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސަައްކަތްޕުޅަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމާއި ރައްޔިތުންނާމެދު އޮތް ލޯބި ސާބިތުކޮށްދޭ ހެކިތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ދިވެހީންގެ ޤައުމީ ދުވަހަކީ، އެތައް ކާމިޔާބީއެއްގެ ހަނދާން ދިވެހީން އައުކުރަން ޖެހޭ ދުވަހެއްކަމަށެވެ. އަދި އެއީ ހަނގުރާމަވެރި ބާރަކުން ރާއްޖޭގެ މައްޗަށް ގަދަވެގަނެގެން ހޭދަކުރި އެންމެ ދިގު މުއްދަތުގެ އަޅުވެތިކަން ދިވެހީން ނިމުމަކަށް ގެނައި ދުވަސްކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންކޮށް ދެއްވުމަށްފަހު ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން ޤައުމުގެ ތަރައްޤީއަށް، ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.
"އުތުރު އަރުމާޒާ، ދެކުނު އަރުމާޒު ބަންނަވައި، ރައްޔިތުންގެ ހާލުއަހުވާލު ބައްލަވަން އަތޮޅުތަކަށް ޒިޔާރަތްކުރެއްވި.ދިވެހީންގެ އަމިއްލަ ފައިސާއެއް ފުރަތަމަ ފަހަރަށް ބޭނުންކުރައްވަން ފެށްޓެވި. ތާނަ އަކުރު، އާދެ ދިވެހީންގެ ފަޚުރުވެރި އަމިއްލަ އަކުރު ދިވެހި ލިޔުމުގައި ބޭނުންކުރައްވަން ފެށްޓެވި. ވެރިކަން ހިންގުމުގެ ނިޒާމާ، ޤައުމުގެ ކަންކަން ތަރުތީބުކުރައްވައި، އެ ޒަމާނާ ގުޅޭ ވަރަށް ބޮޑެތި ހެޔޮ ބަދަލުތައް ރާއްޖެއަށް ގެނަސްދެއްވި" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، އިޤްތިޞާދީގޮތުން، އިޖްތިމާއީގޮތުން، އަސްކަރީގޮތުން އަދި ޚާރިޖީގޮތުން ދިމާވެފައިވާ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި، ޤައުމަށް ތަރައްޤީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރުގެ ސިފައިން އަނބުރާ ފޮނުވާލެއްވުމާއި، އިޤްތިޞާދު ވަރުގަދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ސަރަޙައްދު އެންމެ ޒަމާނީ އުޅަނދުތަކާއެކު ސީދާ ދިވެހީންނަށް ބެލެހެއްޓޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވައިފި. ރާއްޖޭގެ އެއްގަމާ ވަޔާ ކަނޑާ ކަނޑުއަޑީގެ ޗާޓު ކުރަހާނީވެސް ދިވެހީންކަމަށް ނިންމަވައިފި. ރާއްޖޭގެ އިމުގެ ތެރެއަށް އަތްގަދަކޮށް، ދިވެހީންގެ ވިޔަފާރިތަކުގެ ތެރެއަށް ޤަވާޢިދާ ޚިލާފަށް ވަދެ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ނަގައިލުމަށް އެތައް އަހަރެއް ވަންދެން މަސައްކަތްކުރަމުން ދިޔަ ބިދޭސީންގެ މީސްމީހުން ހޯއްދަވައި، އޭގެ 3000 އަށް ވުރެ ގިނަމީހުން މިއަދާ ހަމަޔަށް މި ރާއްޖެ އަލުން ނާދެވޭގޮތަށް ފޮނުވާލައްވައިފި." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މިނިވަންކަން ކަށަވަރުކޮށް، އަމާންކަން ޤާއިމްކުރުމުގެ އިތުރުން ދިވެހިންގެ ޤައުމިއްޔަތާއި އަމިއްލަވަންތަކަށް ދެމެހެއްޓުމަށްވެސް ރައީސް މުޢިއްޒު ގިނަ މަސައްކަތްތަކެއްކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި މުޅީން އަލަށް ދިވެހި ޤައުމިއްޔަތާ ދިވެހި ބަހާބެހޭ ވުޒާރާއެއް ރައީސް އުފައްދަވައިފި.ދަރީންނަށް ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދެއްވުމުގެ މަސައްކަތް ފަށްޓަވައިފި.ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވާ، ދިވެހިބަސް ދިރުވައި އާލާކުރައްވާ، ދިވެހިބަހުގެ ލިޔުންތައް އިތުރުކުރައްވަން ފަށްޓަވައިފި." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ތަފާތު އެކި ފިކުރީ ހަނގުރާމަތައް ދުނިޔޭގައި ކުރަމުންދާ ކަމަށެވެ. އެގޮތުން މުނިފޫހިފިލުވުމުގެ ތަފާތު ބާވަތަތްތަކުގެ އުފެއްދުންތައް މެދުވެރިކޮށް ކުޑަކުދިންގެ ސިކުނޑިތަކާ ކުޅެމުންދާކަމަށެވެ. އަދި މިކަންކަމަށް ހުށިޔާރުވެ ތިބެ، ދިވެހި ބަޠަލުންގެ ވާހަކަތައް އެކުދީންނަށް ކިޔައިދެންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނުގެ ކުރިއެރުމާ ފައިހަމަވާނެ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެން ހިފަން ޖެހޭ. ދިވެހި ޤައުމީ ބަޠަލުންގެ ގޭމްތައް، ކާޓޫން ފިލްމުތައް، ވާހަކަފޮތާ ކޮމިކް ފޮތްތައް، ޑްރާމާ ސީރީޒްތައް، ކުޅިވަރުކުޅޭ ސާމާނު އުފައްދަން ޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދަރީންނަށް ޤައުމުދެކެ ފަޚުރުވެރިވާން ދަސްކޮށްދެވިއްޖެނަމަ އަމިއްލަވަންތަ މިނިވަން ދިވެހިރާއްޖެއެއް ބިނާކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގެ އިތުރުން ހއ. އުތީމާއި މާލޭގައިވެސް ޖަލްސާ ބާއްވާފައިވެއެވެ.