ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްޢަޒީޒު އަބްދުﷲވަނީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ރައީސުލްޖުމްހުރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) September 11, 2024
ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވާ، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ، ޢަބްދުލްޢަޒީޒް ޢަބްދުﷲ… pic.twitter.com/qSKBCtSAeJ
ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަންވަނީ ކުރައްވާފައެވެ.
މީގެ އިތުރުން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރުކަމާއި އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ އަދާކުރައްވާފައެވެ. ޢަބްދުލްޢަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޢަބްދުލްޢަޒީޒް ޢަބްދުﷲ، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަނީ ޚިދުމަތް ކުރައްވާފައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގައެވެ.
ޢަބްދުލްޢަޒީޒް ޢަބްދުﷲއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް މިދިޔަ އަހަރު ލިބިވަޑައިގެންފައެވެ.