ޚަބަރު

ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކާއެކު ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެ: މާލީ ވުޒާރާ


  • މިހާރު ބޭސް ވިއްކަނީ ވަރަށް ބޮޑު އަގުގައި

  • މިއީ ރައްޔިތުންނަށް ދަތިނުވާނެގޮތައް އެޅި ހަރުދަނާ ފިޔަވަޅެއް

  • މިއީ ގިނަ ރައްޔިތުންގެ ކަންބޮޑުވުންވެސް އޮތްކަމެއް

ޑޮކްޓަރީ ބޭސް އަގުބޮޑުކޮށް ވިއްކަމުންދާތީ މިކަން ހައްލުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ދައުލަތުގެ ޚަރަދުން ބޮޑުބައެއް ސަލާމަތްވާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ އިންތިހާއަށް ބޮޑު ފައިދާއަކާއެކުކަމަށާއި، ބޭސް ވިއްކުމުގައި އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަމަށެވެ.

ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަމަށާއި، މިބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަހަރު އާސަންދައަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުވިއިރު އޭގެތެރެއިން 1.6 ބިލިޔަނެއްހައި ރުފިޔާއަކީ ބޭހަށް ޚަރަދުވި ފައިސާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ދައުލަތުގެ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އަދި އާސަންދައިގެ ބޮޑު އިންސައްތައެއް ބޭހަށް ޚަރަދުވާއިރު ޚަރަދު އެންމެ ބޮޑަށް ކުޑަކުރެވޭނީވެސް ބޭހުންކަމަށް ވިދާޅުވިއެވެ. މިއީ ބޭހަށް ކުރާ ޚަރަދު ކުޑަކޮށް މިހާރު މިކުރާ އެއްވެސް ކަމަކަށް އަސަރުކުރުމެއް ނެތި އެންމެ ރަނގަޅަށް ރިފޯމްކުރުމަށް އެޅޭ ފިޔަވަޅުކަން އޭނާ ފަހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކީ ބޭހަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށް ފެނޭ. އަދި މީގެއިތުރުން ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން މިހާރު ބޭސްތައް %60 އޮން އެވްރެޖް ޑިޑަކްޝަނެއް ލިބޭނެކަމަށްވެސް ތަފާސްހިސާބުތަކުން އަޅުގަނޑުމެންނަށް ދައްކާ. މިއީ އާސަންދައަށް 2.3 ބިލިޔަން ރުފިޔާގެ ޚަރަދެއް ވެގެންދާއިރު އޭގެތެރެއިން 1.6 ބިލިޔަން ބޭހަށް ކުރެވޭ ޚަރަދު ކުޑަކުރުމަށް އެޅޭނެ އެންމެ ހަރުދަނާ އަދި ރައްޔިތުންނަށް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެ އެއް ފިޔަވަޅު." ސާއިދު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމެވުމާއި ގުޅޭގޮތުން ބައެއް އާންމުންވެސް ވަނީ އެމީހުންގެ ޚިޔާލު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. މިއީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް އާންމުން ވަނީ ސިފަކޮށްފައެވެ.

ރާއްޖެއަކީ ބޭސް އަގުބޮޑު ޤައުމެއްކަން ފާހަގަކޮށް، އާންމު ރައްޔިތަކު ބުނީ ދިވެހިންނަށް އަތްފޯރާ ފަށުގައި ބޭސް ލިބެންޖެހޭކަމަށެވެ.

"މިއީ ވަރަށް ރަނގަޅުކަމެއް. ރާއްޖޭގައި އާންމުގޮތެއްގައި ވަރަށް އަގުބޮޑު ބޭސް. އެހެންވީމަ އެއީ ވަރަށް ރަނގަޅު ނިންމުމެއް. ރާއްޖޭގެ ރައްޔިތުންނަށް ބޭސް ޖެހޭނެ އަތްފޯރާ ހިސާބުގައި ހުންނަން." އާންމު ރައްޔިތަކު ބުންޏެވެ.

ބޭސް ވިއްކާ ކުންފުނިތަކުން ބޮޑު އަގުގައި ބޭސްވިއްކައި ބޮޑު ފައިދާއެއް ނަގަމުން އަންނަކަން ފާހަގަކޮށް އާންމު މީހަކު ވަނީ މިއީ ކުރުން މާބޮޑަށްވެސް ލަސްވެފައިވާކަމެއްކަމަށް ބުނެފައެވެ.

"އަގު ކޮންޓްރޯލްކުރަން މާ ލަސްވެސްވެއްޖެ. މިއީ ހަމަ ކުރަން ޖެހިފައިވާކަމެއް. 5 ރުފިޔާއަށް ލިބެންވާ ބޭސްގުޅަ މިލިބެނީ 40 ރުފިޔާއަށް. އަގު ހަމަ އެއްވެސް ކޮންޓްރޯލެއް ނެތް." ރައްޔިތަކު ބުންޏެވެ.

ސަރުކާރުން އާސަންދައަށް ބޮޑު ހޭދައެއްކުރާކަން ފާހަގަކޮށް އާންމު ރައްޔިތަކު ބުނީ ގިނަ ފަހަރު ބޭހަށް ހިނގާ ޚަރަދު ނޭންގެނީ ސަރުކާރުން މި ޚަރަދުކޮށްދޭތީކަމަށެވެ. އެހެންކަމުން މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ދެކޭކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކޮންޓްރޯލް ކުރަން ޖެހޭނެ. ސަރުކާރުން އަހަރެމެންގެ ނަމުގައި މި ޚަރަދުކުރަނީ ވަރަށް ބައިވަރު ފައިސާ. އެހެންވީމަ އޭތި ކުޑަކޮށް ޚަރަދުކުރެވޭނެގޮތެއް ވެއްޖިއްޔާ އެއޮތީ ވަރަށް ބޮޑު ފައިދާއެއް އަހަރެމެންނަށްވާ." އޭނާ ބުންޏެވެ.

ފާއިތުވި 3 އަހަރު އާސަންދައިން ކޮށްފައިވާ ހޭދަ:

* 2021: 1.5 ބިލިޔަން ރުފިޔާ
* 2022: 1.8 ބިލިޔަން ރުފިޔާ
* 2023: 2.2 ބިލިޔަން ރުފިޔާ

ސަރުކާރުން ވިދާޅުވީ، މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.