ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: މާކެޓް ޕްލޭސްގައި 130 އަށްވުރެ ގިނަ ވިޔަފާރި، 2 ގާޑިޔާ


  • މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވޭ

  • 4800 އުފެއްދުން ބައިވެރިކޮށްފައިވޭ

  • މައުރަޒު އޮންނާނީ މިމަހުގެ 25ގައި

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މާކެޓް ޕްލޭސްގައި މިއަހަރު 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އަދި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25އިން އަންނަ މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ.

ބީސީސީން ވިދާޅުވީ މިދިޔަ އަހަރުގެ އެކްސްޕޯގައިވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނީ މާކެޓް ޕްލޭސް ޑިސްޓްރިކްޓަށްކަމަށެވެ. އަދި މިއަހަރުވެސް މި ޑިސްޓްރިކްޓަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މާކެޓް ޕްލޭސް ޑިސްޓްރިކްޓްގައި 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށެވެ. މިދިޔަ އަހަރު ބައިވެރިވެފައިވަނީ 100 ފަރާތެކެވެ.

މި އަހަރުގެ ސްޓޯލްތަކުގެ ޖާގަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ތަނަވަސްވާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސްޓޯލްތަކުގައި ޖާގައަކީ 5 ފޫޓު 6 ފޫޓެވެ. ނަމަވެސް މިއަހަރުގެ ސްޓޯލްތަކުގެ ޖާގަ ހުންނާނީ 8 ފޫޓު 8 ފޫޓުކަމަށް ވިދާޅުވެއެވެ.

މިއަހަރުގެ މާކެޓް ޕްލޭސް ޑިސްޓްރިކްޓްގައި 2 ރަށަކުން 2 ގާޑިޔާ ބައިވެރިވާނެއެވެ. އެއީ ފުވައްމުލައް ސިޓީއާއި އޭދަފުށިއެވެ.

މާކެޓް ޕްލޭސް ޑިސްޓްރިކްޓަކީ އެކިއެކި ކުދި ވިޔަފާރިތައް ބައިވެރިވާ ޑިސްޓްރިކްޓެވެ. އެގޮތުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި، އަރޓް އެންޑް ކްރާފްޓްގެ މަސައްކަތް ކުރާ ފަރާތްތަކުން މި ޑިސްޓްރިކްޓްގައި ބައިވެރިވެއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުރިހައި ގޮތަކުންވެސް ތަފާތުވާނެކަމަށާއި ބައިވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ބީސީސީން ފާހަގަކުރެއެވެ. މިދިޔަ އަހަރުގެ މައުރަޒުގައި 240 އެގްޒިބިޓަރުން ބައިވެރިވިނަމަވެސް، މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މިދިޔަ އަހަރުގެ މައުރަޒުގައި 2400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ މައުރަޒުގައި މިއަދަދު 4800އަށް އަރައެވެ.