ޚަބަރު

އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ޕްރޮގްރާމެއް


  • މާލޭގެ އިމާމުންނަށް ޕްރޮގުރާމެއްވަނީ ފަށާފައި

  • ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ އިމާމުންނަށްވެސް މިޕްރޮގްރާމް ކުރިއަށްގެންދާނެ

  • މިޕްރޮގުރާމުގައި ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެންވާ ގޮތްތައް ދަސްކޮށްދޭނެ

މިސްކިތްތަކުގައި މަސައްކަތްކުރާ ދާއިމީ އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް "ތަޙްސީނުއްތިލާވާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އިމާމުންނަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުންނެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ ޕްރޮގްރާމް ފުރަތަމަ ކުރިއަށްގެންދަނީ މާލޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން 17 އިމާމުންނާއެކު މި ޕްރޮގްރާމް މާލޭގެ އިމާމުންނަށް ފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 ހަފްތާގެ މުއްދަތަކަށެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ ޕްރޮގްރާމްގެ ކިޔެވުން ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް އިސްލާމީ މަރުކަޒުގައި ކަމަށެވެ. ކިޔަވައިދެއްވާނީ އަލްޤާރީ މުޙައްމަދު އަސްލަމާއި އައްޝައިޚް ނަސްރުﷲ ޢަލީއެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި ޕްރޮގްރާމުގައި ތަޖުވީދުގެ ހަމަތަކުގެ މަތިން ޤުރުއާން ކިޔެވުމަށާއި ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެންވާ ގޮތްތައް އިމާމުންނަށް ދަސްކޮށްދޭނެކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނަށް ޚާއްސަކޮށްގެންވެސް އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގުރާމް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.