ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ މާލީގެ ވެރިރަށް ބަމަކޯއަށް ހަތިޔާރު އެޅި ޖަމާޢަތެއްގެ ހަނގުރާމަވެރިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މާލީގެ އަސްކަރިއްޔާގެ ތަމްރީނުދޭ މަރުކަޒަކަށާއި, މުހިންމު އެހެން އިމާރާތްތަކަށެވެ. ނިރުބަވެރި އަލް ޤަޢިދާ ޖަމާޢަތާ ގުޅުން އޮންނަ ޖަމާޢަތު ނުޞްރަތުލްއިސްލާމީ ވަލް-މުސްލިމީން (ޖޭއެންއައިއެމު)ން ވަނީ ޙަމަލާތަކުގެ ޒިންމާ އުފުލާފައެވެ.
މާލީގެ އަސްކަރިއްޔާއާއި ޖޭއެންއައިއެމާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ޤައުމުގައި މީހުން އާބާދުވެފައި ނެތް ސަރަޙައްދުތަކުގައި ޖޭއެންއައިއެމުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް, ވެރިރަށް ބަމަކޯގައި ހުންނަ އަސްކަރިއްޔާގެ އަމާޒުތަކަށް ޙަމަލާ ދީފައި ވަނީ މަދު ފަހަރަކު ކަން ފާހަގަ ކުރެވެއެވެ. މާލީގެ އަސްކަރިއްޔާއިން ބުނީ, ބަމަކޯއަށް އެންމެ ފަހުން ދިން ޙަމަލާތަކުގައި ހަނގުރާމަވެރިންގެ ލަނޑުދަނޑިތައް ހާސިލުވެފައި ނުވާ ކަމުގައެވެ. އަދި, ވެރިރަށް އަދިވެސް އޮތީ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމުގައެވެ.
ނަމަވެސް, ހަތިޔާރު އެޅި ގުރޫޕުތަކުން ބަމަކޯގެ މަގުތަކުގައި މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ޙަމަލާތަކުގައި އެކަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އެއީ ޒުވާނުންގެ މައްޗަށް އެކުލެވިގެންވާ ހަތިޔާރު އެޅި ގުރޫޕަކުން ދިން ޙަމަލާއެއްގައި މަރައިލާފައިވާ މީހެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ބަމަކޯގައި ހުންނަ މައި ވައިގެ ބަނދަރަށް ވެސް ޖޭއެންއައިއެމްގެ ހަނގުރާމަވެރިން ޙަމަލާ ދިނެވެ. އަދި, އެ ތަނުގައި ޕާކުކޮށްފައި އޮތް މަތިންދާބޯޓެއްގައި ހުޅުޖަހާ މަންޒަރު ފެންނަ ވީޑިޔޯއެއް ޢާންމު ކޮށްފައިވެއެވެ. އެހެން ވީޑިޔޯއެއްގައި ފެންނަނީ, ވައިގެ ބަނދަރުގެ ޓަރމިލަކަށް އަމާޒުކޮށް ހަތިޔާރު އެޅި މީހަކު ބަޑީގެ ޙަމަލާތަކެއްދޭ މަންޒަރެވެ. ވައިގެ ބަނދަރުގެ ހެންގަރެއްގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް ވެސް ޢާންމު ކޮށްފައިވެއެވެ. އެ ވިީޑިޔޯތަކުގެ ޞައްޙަކަން ކަށަވަރު ކުރެވިފައި ނުވާއިރު, މާލީގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ, ވައިގެ ބަނދަރުގެ ކޮންޓްރޯލް ހަނގުރާމަވެރިންގެ އަތްދަށަށް ވެއްޓިފައި ނުވާ ކަމުގައެވެ.
"ފަތިހުގެ ވަގުތުގައި ހަތިޔާރު އެޅި ނިރުބަވެރިންގެ ގުރޫޕަކުން ވަނީ [ބަމަކޯގައި ހުންނަ] އަސްކަރީ ތަމްރީނުދޭ މަރުކަޒަކަށް ޙަމަލާ ދީފައި. އެ މީހުން ހުއްޓުވައި, ރަށުތެރެ ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އެ ޤައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ މަރުކަޒަށް ކުރެއްވި ޒިޔާރަތަކަށް ފަހު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ޢުމަރު ދިޔާރާ ވިދާޅުވީ, ޙަމަލާތައް ހުއްޓުވައި ރަށުތެރެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމުގައެވެ.
ޖޭއެންއައިއެމްގެ ޙަމަލާތަކުގައި ބައެއް މީހުން މަރުވި ކަމަށާއި, އޭގެ ތެރޭގައި އަސްކަރީ ތަމްރީނުދޭ މަރުކަޒުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ކެޑޭޓުން ހިމެނޭ ކަމުގައި މާލީގެ އަސްކަރިއްޔާއިން ހާމަ ކުރިއެވެ. ނަމަވެސް, މަރުވެފައިވާ މީހުންގެ ޢަދަދު ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް, ހުޅުޖަހައި މަރައިލާފައިވާ ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ފެންނަ ވީޑިޔޯތަކެއް ޢާންމު ކޮށްފައިވެއެވެ.
މާލީގެ އުތުރުގައި އޮންނަ ހަނަފަސް ބިންތަކުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަރަކާތްތެރިވާން ފަށާފައި ވަނީ 2012ވަނަ އަހަރުއެވެ. އަދި, އެ މީހުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. އެއީ, އެފްރިކާ ބައްރުގެ ސާޙިލް ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ ގުޅުން އޮތް ގުރޫޕުތަކެއް ކަމަށް ބެލެވެއެވެ. އެފްރިކާ ބައްރުގެ އުތުރުގެ އައްސޭރިފަށުގައި އޮންނަ ގިނަ ޤައުމުތަކެއްގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަރަކާތްތެރިވަމުންދާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ނިރުބަވެރިންގެ ޖަމާޢަތްތައް ކަމުގައިވާ އަލް ޤަޢިދާއާއި އައިއެސުން ދަނީ ސާޙިލް ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވަމުންނެވެ. އެ ސަރަޙައްދުތަކުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ, އެތަކެއް ހާސް ބަޔަކު ވަނީ ގެދޮރު ނެތިފައެވެ. ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އިތުރުން އެ ޤައުމުތަކުގެ އަސްކަރިއްޔާތަކުން ވެސް, ޢާންމުންނަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގެ ތުހުމަތު ވަނީ އުފުލިފައެވެ.
މާލީގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ އަސްކަރީ ސަރުކާރަކުންނެވެ. އެ ޤައުމަށް 2020ވަނަ އަހަރާއި 2021ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ބަޣާވާތް ގެނެސްފައިވާއިރު, ސަރުކާރާ މެދު އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައިވާ މައްސަލައަކީ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ޙަމަލާތައް ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމެވެ. އަދި, އެ ކަމުގައި ކާޔާބީތަކެއް ހޯދިފައި ނެތުމެވެ. ހަތިޔާރު އެޅި ޖަމާޢަތްތައް ހުއްޓުވަން މާލީގެ އަސްކަރިއްޔާއިން ވަޢުދުވެފައިވީ ނަމަވެސް, އެ ފަދަ ޖަމާޢަތްތަކުގެ ހަރަކާތްތައް ފަހަކަށް އައިސް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
ހަތިޔާރުއެޅި ޖަމާޢަތްތަކާ ދެކޮޅަށް މާލީގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އެ ޤައުމުން ދަނީ ރަޝިޔާގެ ކުލީ ސިފައިންގެ ގުރޫޕު, ވާގްނަރގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. ނަމަވެސް, ޖުލައި މަހު ދެ ފަރާތުގެ ދެމެދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި ވާގްނަރގެ ގިނަ ޢަދަދެއްގެ ކުލީ ސިފައިން މަރައިލާފައިވެއެވެ. ޖޭއެންއައިއެމުން އެންމެ ފަހުން ވެރިރަށް ބަމަކޯއަށް ޙަމަލާތަކެއް ދީފައި ވަނީ 2015ވަނަ އަހަރުއެވެ. ބަމަކޯގައި ހުންނަ ރެޑިސަން ބްލޫ ހޮޓަލަށް އަމާޒުކޮށް ދިން އެ ޙަމަލާގައި 20 މީހުން މަރައިލިއެވެ.