ޚަބަރު

ޙިޒްބުاللهން ބޭނުންކުރާ ވޯކީޓޯކީތަކެއް ގޮއްވައިލައި އިތުރު ނުވަ މީހުން ޝަހީދު ކޮށްލައިފި


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މެންބަރުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ވޯކީޓޯކީތަކެއް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދިން ޙަމަލާތަކެއްގައި ނުވަ މީހުން ޝަހީދު ކޮށްލައި, އިތުރު 300އެއްހާ މީހުން ޒަޚަމު ކޮށްލައިފިއެވެ. މީގެ އެއް ދުވަސް ކުރިން ވެސް ޔަހޫދީން ވަނީ މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކެއް ގޮއްވައިލައިގެން ދިން ޙަމަލާއެއްގައި 12 މީހުން ޝަހީދު ކޮށްލައި, 3,000އެއްހާ މީހުން ޒަޚަމު ކޮށްލާފައެވެ.

ޙިޒްބުاللهގެ މެންބަރުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ވޯކީޓޯކީތައް ބޮންތަކެއް ފަދައިން ގޮވަން ފެށުމާ އެކު, އެ މީހުން ވަނީ އެ ފަދަ އެހެން އާލާތްތަކުގެ ބެޓެރީތައް ނަގައި, އެ ތަކެތި ބޭނުން ކުރުން ހުއްޓައިލާފައެވެ. ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގެ އިތުރުން ވެރިރަށް ބައިރޫތުގައި ތިބި ޙިޒްބުاللهގެ މެންބަރުން ބޭނުން ކޮށްފައިވާ ވޯކީޓޯކީތައް ވެސް ގޮވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އޭގެ ތެރެއިން އެއް ހާދިސާ ހިނގާފައި ވަނީ, ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖަނާޒާ ހިނގަމުން ދިޔަ ވަގުތުގައެވެ. ލުބްނާންގެ ރެޑް ކްރޮސުން ބުނީ, އެކި ސަރަޙައްދުތަކުގައި އެ ފަދަ ހާދިސާތައް ހިނގާފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި, ޒަޚަމުވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންދިޔުމުގައި އެމްބިޔުލާންސްތައް ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

ގޮވާފައި ވަނީ ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ އައިކޮމުން އުފައްދާފައިވާ ވޯކީޓޯކީތަކެކެވެ. އެއީ, މުއާޞަލާތީ އާލާތްތައް އުފައްދާ ކުންފުންޏެކެވެ. އެ ހާދިސާއާ ގުޅިގެން އައިކޮމް ކުންފުނިން ބުނީ, ޙިޒްބުاللهން ބޭނުން ކުރަމުން ގޮސްފައި ވަނީ, އެ ކުންފުނިން 2014ވަނަ އަހަރުން ފެށިގެން އުފެއްދުން ހުއްޓައިލާފައިވާ މަރުކާއެއްގެ ވޯކީޓޯކީތަކެއް ކަމުގައެވެ.

ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރަކުން ބުނީ, ޙިޒްބުاللهން އެ ވޯކީޓޯކީތައް ގަނެފައި ވަނީ, މީގެ ފަސް ވަރަކަށް މަސް ކުރިން ޕޭޖަރުތަކާ އެއް ދުވަސް ވަރެއްގައި ކަމުގައެވެ. ގޮވާތަކެތި ހަރު ކޮށްގެން ގޮއްވައިލާފައިވާ ޕޭޖަރުތަކަކީ ތައިވާނުގެ ކުންފުންޏެއް ކަމުގައިވާ ގޯލްޑް އެޕޯލޯން އުފައްދާފައިވާ އެއްޗެކެވެ. ނަމަވެސް, އެ ކަމުން ބަރީއަވުމުގެ ގޮތުން އެ ކުންފުނިން ވެސް ވަނީ, އެ ޕޭޖަރުތަކަކީ ހަންގެރީގައި ހުންނަ ބީއޭސީ ކުންފުނިން އުފައްދާފައިވާ އާލާތްތަކެއް ކަމަށް ބުނެފައެވެ.

ޙިޒްބުاللهން ބުނީ, ޕޭޖަރުތަކުގެ ތެރޭގައި ޔަހޫދީންގެ ޖާސޫސީ އިދާރާއިން ގޮވާތަކެތި ހަރު ކޮށްފައި ވަނީ, އެ ޕޭޖަރުތައް ލުބްނާނަށް އެތެރެ ކުރުމުގެ ކުރިން, އެ ތަކެތި އުފެއްދުމުގެ މަރުޙަލާގައި ކަމުގައެވެ. ޕޭޖަރުތައް ގޮއްވައިލައިގެން ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 12އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި, ޒަޚަމުވެފައިވާ މީހުންގެ ތެރޭގައި ބައިރޫތުގައި ހުންނަވާ އީރާނުގެ ސަފީރު ވެސް ހިމެނެއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު ފޮލްކަރ ތުރްކު ވަނީ ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީން ދީފައިވާ ނުރައްކާތެރި ޙަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި, އެ ހާދިސާގެ މިނިވަން އަދި ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ގޮވައިލައްވާފައެވެ. ޕޭޖަރުތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهން ވަނީ ޒަޔަނިސްޓު ދައުލަތުގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ރޮކެޓު ޙަމަލާތަކެއް ދީފައެވެ.

ޕޭޖަރުތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ޙިޒްބުاللهގެ މުޖާހިދުންނަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި މި ވަނީ, ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެ ފަރާތުގެ މެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ, މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ ޙަމަލާތަކުގެ މަޤުޞަދަކީ, ޣައްޒާގެ މުޖާހިދުންނަށް ވާގިވެރިވުމާއި, ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމެވެ.