ޚަބަރު

ޔަހޫދީ ދައުލަތް ބަލައިގަނެވޭނީ ފަލަސްޠީނަށް މިނިވަންކަން ލިބުމުން: ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު


ޔަހޫދީން އުފައްދާފައިވާ ދައުލަތް ސަޢޫދީ ޢަރަބިއްޔާއިން ބަލައިގަންނާނީ އަޅުވެތިކަމުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކޮށް, ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުން ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވިދާޅުވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޝޫރާ މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި, ބައްޕާފުޅު, ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަަޒީޒު އަލް-ސުޢޫދުގެ ފަރާތްޕުޅުން ތަޤުރީރު ކުރައްވަމުންނެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ބިންތައް ފޭރިގަނެ, އެ މީހުންގެ މައްޗަށް ޔަހޫދީން ހިންގަމުންދާ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަން ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ވަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ކުށްތައް ވެސް ކުށްވެރި ކުރައްވާފައެވެ. ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއް ކަން އދން ވެސް ދާދި ފަހުން ވަނީ ކަނޑައަޅާފައެވެ.

"ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކޮށްދިނުމަށް, އަދި އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް މި ރަސްކަމުން [ސަޢޫދީ ޢަރަބިއްޔާއިން] ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި, ވަރުބަލިކަމެއް ނެތި ކުރާނަން. އަދި, އެ ކަން ހާސިލުވުމުގެ ކުރިން އިސްރާއީލާ އެކު ސިޔާސީ ގުޅުން ޤާއިމެއް ނުކުރާނަން،" މުޙައްމަދު ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ސަަޢޫދީ ޢަރަބިއްޔާއާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުވުމަށް އެމެރިކާއިން އަޑީގައި އޮވެގެން ކުރަމުންދާ މަސައްކަތްތަކަށެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާއިން ދަނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ. ނަމަވެސް, 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ މަޝްވަރާތައް ހުއްޓައިލައި, އެ ކަމަށް އިންކާރު ކޮށްފަައެވެ.

ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަން ޣައްޒާ ޢުދުވާން ފެށުމުގެ ދުވަސްކޮޅެއް ކުރިން މުޙައްމަދު ވަނީ ހާމަ ކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާއިން ދަނީ އެމެރިކާގެ އަސްކަރީ އަދި ދިފާޢީ އެހީގެ ޕެކޭޖެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެެސް, އެ ކަމަށް އެމެރިކާއިން އެއްބަސްވުމުގެ ޝަރުޠުތަކުގެ ތެރޭގައި, ސަޢޫދީ ޢަރަބިއްޔާއިން ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރުން ހިމަނާފައިވެއެވެ.

ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި, ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ, އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރަން އެންމެ ބޮޑަށް މަސައްކަތްކޮށް, ޚަރަދު ކުރަމުން ދަނީ ވެސް އެމެރިކާއިންނެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް, ޚާއްޞަކޮށް ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން, ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެނީ ވެސް އެމެރިކާއިންނެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރަށް ބޮންއަޅައި ޔަހޫދީ ފައުޖުން އެތަކެއް ހާސް ބަޔަކު ޝަހީދު ކުރަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.

މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,551އަށް އުފުލިފައެވެ.