ލުބްނާންގެ ޙިޒްބުالله ޖަމާޢަތުގެ މުޖާހިދުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހު ޔަހޫދީ ފައުޖުން އެ ޤައުމުގެ ދެކުނުގެ ރަށްތަކަށް ބޮންއަޅަން ފަށައިފިއެވެ. ވޯކީޓޯކީތައް ގޮއްވައިލައިގެން ޔަހޫދީން ދިން ޙަމަލާތަކުގައި 20 މީހުން ޝަހީދު ކޮށްލިއެވެ. އަދި, 450އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އަދި, ޕޭޖަރުތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލައި 3,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ.
ލުބްނާންގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބު ވިދާޅުވީ ޔަހޫދީ ފައުޖުން އެ ޤައުމުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ, ޢާންމު ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފައިވާ ކަމުގައެވެ. ލުބްނާނަށް އެތެރެ ކޮށްފައިވާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށްގެން ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކާ އެކު މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ.
ޕޭޖަރުތަކާއި ވޮކީޓޯކީތަކުގައި ގޮވާތަކެތި ހަރު ކޮށްފައި ވަނީ ޔަހޫދީންގެ ޖާސޫސީ އިދާރާއިން ކަމަށް ޙިޒްބުاللهން ތުހުމަތު ކުރެއެވެ. މުއާޞަލާތު ކުރަން ބޭނުން ކުރާ އާލާތްތައް ގޮއްވައިލައިގެން ދިން ޙަމަލާތަކަށް ފަހު ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް ބޮންއަޅަން ފަށާފައި ވަނީ ޔަހޫދީންގެ އިސްވެރިންތަކެއް މަރައިލަން ޙިޒްބުاللهން ރާވާފައިވާ ރޭވުންތަކެއް ނާކާމިޔާބު ކޮށްލުމުގެ ގޮތުން ކަމަށް ޔަހޫދީ ފައުޖުން ބުންޏެވެ.
ޔަހޫދީ ފައުޖުން ބުނީ, ޔަހޫދީ ވިޔަފާރިވެރިއެއް ދާދި ފަހުން އީރާނަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. އަދި, ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިތުރުން އޭނާގެ ދިފާޢީ ވަޒީރާއި ސަރުކާރުގެ އިސްވެރިންތަކެއް މަރައިލަން އީރާނުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރި ކަމުގައެވެ. އެއީ, އީރާނާއި ޙިޒްބުاللهން އަޑީގައި އޮވެގެން ރާވާފައިވާ ރޭވުންތަކެއް ކަމަށް ބުނެ, ޔަހޫދީ ފައުޖުން ވަނީ އިސްރާއީލުގެ ވިޔަފާރިވެރިޔާ ހައްޔަރު ކޮށްފައިވާ ކަން ހާމަ ކޮށްފައެވެ.
ނަމަވެސް, މުޖާހިދުންގެ ޖަމާޢަތްތަކުގެ ވެރިން ޝަހީދު ކުރުމަށް ނިރުބަވެރި ޙަމަލާތަކެއް ދެމުން ދަނީ ޔަހޫދީންނެވެ. ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާއެއްގައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އަދި, އޭގެ ކުރިން, ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލިއެވެ.
ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ލުބްނާންގެ ދެކުނު ސަރަޙައްދުތަކަށް ބޮންއަޅަމުން ދިޔަ ނަމަވެސް, އެ ސަރަޙައްދުގެ ހާލަތަށް އިތުރު ބަދަލުތަކެއް އައިސްފައި ނުވާ ކަމުގައި, އެ ޤައުމުގެ ދެކުނުގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން ބުންޏެވެ. "ޙަމަލާ ބަދަލު ކުރުން ހުސްވި ހަފުތާގައި އިތުރުވި. މި ހަފުތާގައި ވެސް އޮތީ އެ ފަދަ ހާލަތެއް. ދެ ފަރާތުން ވެސް ދަނީ ޙަމަލާ ބަދަލު ކުރަމުން. މިއީ, އަދިވެސް ކަންބޮޑުވުން އޮތް މައްސަލައެއް،" އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ އަސްކަރީ މަރުކަޒުތަކާއި ހައްދުފަހަނަ އެޅި ސިފައިންނަށެވެ. ރައްދުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުންގެ ގެދޮރަށް ބޮން އަޅަމުންނެވެ. ޙިޒްބުاللهގެ ހަމައެކަނި މަޤުޞަދަކީ ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ.
ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގައި އޮތް ޝަޔިހީނާއި, އަލް-ޠީބާއާއި, ބަލީދާއާއި, މަޔިސް އަލް-ޖަބަލީއާއި, އަޔިތަރޫންގެ އިތުރުން ކަފްރަކްލާއަށެވެ. އެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. 20 ވަރަކަށް މިސައިލާއި ރޮކެޓު ބޭނުން ކޮށްގެން ޙިޒްބުاللهން ދިން ޙަމަލާތަކުގައި ޔަހޫދީ ޢާންމުންގެ މީހަކު ޒަޚަމުވި ކަމުގައި ޔަހޫދީ ނޫސްތަކުން ބުނެއެވެ.
ޔަހޫދީންގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ބުނީ, ހަނގުރާމައިގެ އައު މަރުޙަލާއެއް ފެށުމަށް ތައްުޔާރުވަމުންދާ ކަމުގައެވެ. އެ ގޮތުން, ލުބްނާނާއި ޒަޔަނިސްޓް ދައުލަތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޔަހޫދީ ފައުޖުގެ އިތުރު ސިފައިންނާއި ބަރުހަތިޔާރު ޖަމާ ކުރަން ފަށާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޔަހޫދީންގެ ޚާއްޞަ ޢުދުވާނީ ފައުޖުތައް ވެސް އެ ސަރަޙައްދަށް ވަނީ ޖަމާ ކޮށްފައެވެ. އެއީ, ލުބްނާނަށް އެއްގަމު މަގުން އަރައި, އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފަށަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.