ޚަބަރު

މުއާޞަލާތީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާތަކަކީ ހަނގުރާމަ އިޢުލާން ކުރުން ފަދަ ކަމެއް: ނަޞްރުالله


ލުބްނާންގެ ރައްޔިތުން މުއާޞަލާތު ކުރުމަށް ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ހައްދުފަހަނަ އެޅި ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތައް, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން ދިން ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 37އަށް އުފުލިފައެވެ. އަދި, 2,900އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 287 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙީ އިދާރާތަކުން ހާމަކުރިއެވެ.

އެ ޙަމަލާތަކަށް ފަހު ފުރަތަމަ ފަހަރަށް ޓީވީ މެދުވެރިކޮށް ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަމުން ނަޞްރުالله ވިދާޅުވީ ޔަހޫދީން ހުރިހާ ރަތް ރޮނގެއް ހުރަސް ކޮށްފައިވާ ކަމުގައެވެ. އަދި, އެ ޙަމަލާތަކާ ގުޅިގެން ޙިޒްބުاللهގެ މުޖާހިދުން ފަސް ނުޖެހޭނެ ކަަމަށް ވިދާޅުވެ, އޭނާ ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ލުބްނާންގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ސަލާމަތީ ދާއިރާގެ މަސްދަރުތަކުން ބުނީ, އެއީ ޔަހޫދީންގެ ޖާސޫސީ އިދާރާ, މޮސާދުން އަޑީގައި އޮވެގެން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކެއް ކަމުގައެވެ. މިއީ, ބޭރު ޤައުމެއްގެ ސިޔާދަތީ މިިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެ, ޔަހޫދީން މި ފަދަ ދަށުދަރަޖައިގެ ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.

"އަޅުގަނޑުމެން ކުރަމުންދާ ދިގު ޖިހާދަށް ބަލާއިރު, ޝައްކެއް ނެތް, މިއީ ސަލާމަތީ އަދި އަސްކަރީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް. މިއީ, ލުބްނާންގެ ތާރީޚުގައި ވެސް ލިބުނު ބޮޑު ގެއްލުމެއް. މިއީ, މި ފަދަ ގޮތަކަށް ކުށުގެ ޙަމަލާތަކެއް ދީގެން ބަޔަކު ޝަހީދުކޮށްލުމަކީ ދުނިޔޭގައި ކުރިން ފެނިފައި ނުވާ ފަދަ މަންޒަރަކަށް ވެދާނެ،" ނަޞްރުالله ވިދާޅުވިއެވެ.

ޔަހޫދީން ހުރިހާ ރަތް ރޮނގެއް ހުރަސް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި, ނަޞްރުالله ވިދާޅުވީ "ދުޝްމަނުން [ޔަހޫދީން] ހުރިހާ ޤާނޫނަކާއި އަޚްލާޤީ އިންތަކާއި މިންގަނޑުތަކުން ބޭރުވެފައިވާ" ކަމުގައެވެ. އަދި, މިއީ ޙިޒްބުاللهއާ ދެކޮޅަށް "ހަނގުރާމަ އިޢުލާނު ކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެ" ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަޞްރުاللهގެ ތަޤުރީރު ޓީވީތަކުން ދައްކަން ފެށުމުން ޒަޔަނިސްޓު ދަޢުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ އަސްކަރީ މަތިންދާބޯޓުތައް ލުބްނާންގެ ސަރަޙައްދަށް ފޮނުވައި, އެ ޤައުމުގެ ރައްޔިތުންނަށް ފުރައްސާރަ ކޮށްފައެވެ.

ނަޞްރުالله ވިދާޅުވީ, ލުބްނާންގެ 5,000އެއްހާ ރައްޔިތުން ޝަހީދު ކޮށްލުމުގެ މަޤުޞަދުގައި ޔަހޫދީން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهގެ އަޒުމަށް ގުޑުމެއް އައިސްފައި ނުވާ ކަމުގައެވެ. ހިތްވަރަށް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ. އަދި, ޔަހޫދީންނާ ދެކޮޅަށް ރުކުރުވައިލާފައިވާ ލަޝްކަރުތައް ފަހަތަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމުގައެވެ.

"އެ ޙަމަލާތަކަކީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ގެއްލުމެއް ކަން ޤަބޫލު ކުރަން. ނަމަވެސް, ޖިހާދުގައި މި ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ. ދުޝްމަނުންގެ [ޔަހޫދީންގެ] އަތުގައި ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުރި ކަން އަޅުގަނޑުމެން ދަންނަން. އެ ކަމާ ދެކޮޅެއް ނުހަދަން،" ނަޞްރުالله ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އެއްގަމު މަގުން އަރައި, ހަނގުރާމަ ފުޅާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ނަޞްރުالله ވިދާޅުވިއެވެ. އަދި, ޔަހޫދީން އެ ގޮތަށް އަމަލު ކޮށްފި ނަމަ, ޙިޒްބުاللهއަށް "ތާރީޚީ" ފުރުޞަތެއް ލިބިގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ލުބްނާނާއި އިސްރާއީލު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޔަހޫދީ ފައުޖުން ބަރުހަތިޔާރާއި ސިފައިން ޖަމާ ކުރަމުން ދާތީ އެ ކަމަށެވެ.

ޙިޒްބުاللهއާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިނުލާނެ ކަމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ވަނީ ބުނެފައެވެ. އަދި, އިސްރާއީލުގެ އުތުރަށް ޙިޒްބުاللهން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި, ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައިވާ މީހުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ކަމަށް ރައްދު ދެއްވައި ނަޞްރުالله ވިދާޅުވީ އެ ސަރަޙައްދުތަކަށް ޔަހޫދީންނަށް އެނބުރި ދިޔުމުގެ ފުރުޞަތު ނުދެއްވާނެ ކަމުގައެވެ.

ލުބްނާންގެ ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ވަސީލަތްތަކަށް އަމާޒުކޮށް ޔަހޫދީން ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިނުމުން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވެސް ވަނީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ޒަޔަނިސްޓު އިސްރާއީލަށް "އެކްސިސް އޮފް ރެސިސްޓެންސްގެ ފުނޑުފުނޑު ކޮށްލާނެ ފަދަ ރައްދަކާ" ކުރިމަތިލާން ޖެހޭ ކަމުގައި އައިއާރްޖީސީގެ އިސް ކޮމާންޑަރު ޙުސައިން ސަލާމީ ވިދާޅުވިއެވެ. އެކްސިސް އޮފް ރެސިސްޓެންސަކީ ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ ބާރުގަދަ އަސްކަރީ ލަޝްކަރެވެ.