ޚަބަރު

ކަލްކަތާ ޑޮކްޓަރުގެ މަރު: ހަޅުތާލު މެދުކަނޑައިލަން ޞިއްޙީ ޚިދުމަތްތެރިން އެއްބަސްވެއްޖެ


އިންޑިޔާގެ އިރުމަތީ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރޭޕުކޮށް މަރައިލާފައިވާ އަންހެން ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ކުރަމުންދާ ހަޅުތާލު ވަގުތީ ގޮތުން މެދުކަނޑައިލަން އެ މީހުން އެއްބަސްވެއްޖެއެވެ. ހަޅުތާލު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ބުނީ ހަޅުތާލު މެދުކަނޑައިލައި, އަސާސީ ޞިއްޙީ ޚިދުމަތްތައް އަލުން ފެށި ނަމަވެސް, ހަޅުތާލު މުޅިން ހުއްޓައިނުލާނެ ކަމުގައެވެ.

ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރު ރޭޕުކޮށް މަރައިލާފައި ވަނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހުއެވެ. އެ ހާދިސާއާ ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ދަނީ, އެ ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި މުޒާހަރާ ކުރަމުންނެވެ. އަދި, ވަޒީފާގެ މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މުޒާހަރާގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ. މި މުޒާހަރާތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް ވަނީ ފެތުރިފައެވެ.

ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ފަށާފައިވާ ހަޅުތާލު ވަގުތީ ގޮތުން މެދުކަނޑައިލަން ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން އެއްބަސްފައި ވަނީ, ސުޕްރީމް ކޯޓުން މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެ, ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރުމަށް ޚާއްޞަ ޓާސްކުފޯހެއް އެކުލަވައިލާފައިވާ ދަނޑިވަޅެއްގައެވެ. އަދި, ހަޅުތާލު ހުއްޓައިލައި ޚިދުމަތަށް އެނބުރި ދިޔުމަށް ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް އެ ކޯޓުން އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހަޅުތާލުގައި ބައިވެރިވާ 7,000 ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ތަމްސީލު ކުރާ ވެސްޓް ބަންގާލް ޖޫނިއަރ ޑޮކްޓަރސް ފްރަންޓުން ބުނީ, ސެޕްޓެންބަރު 21ވަނަ ދުވަހުން ފެށިގެން ހަޅުތާލު މެދުކަނޑައިލަން އެ ޔޫނިއަނުން ތަމްސީލު ކުރާ ޞިއްޙީ ޚިދުމަތްތެރިން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް, ރޭޕުކޮށް މަރައިލާފައިވާ ޑޮކްޓަރަށް އިންސާފު ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގައެވެ.

"އިންސާފު ހޯދުމަށް ފަށާފައިވާ ހަރަކާތުގެ މަސައްކަތްތައް ކުރިއަށްދާނެ, ނަމަވެސް ސަރުކާރުން ހިންގާ ހަސްފަތާލުގައި އަސާސީ ޚިދުމަތްތައް ދިނުމަށް ފަށަން ނިންމާފައި ވަނީ މި ސްޓޭޓްގައި [ހުޅަނގު ބަންގާލް ސްޓޭޓްގައި] ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެން،" ވެސްޓް ބަންގާލް ޖޫނިއަރ ޑޮކްޓަރސް ފްރަންޓުގެ ފަރާތުން އަނީކޭތު މެހެތޯ ވިދާޅުވިއެވެ.

ހަޅުތާލު ކުރަމުންދާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ސަރުކާރަށް ގޮވައިލާފައި ވަނީ އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. މި ގޮތުން, ސަރުކާރުން ހިންގާ ހަސްފަތާލުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި ބަލިމީހުންނަށް ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ކަލްކަތާގެ ފުލުހުންގެ ވެރިޔާ މަޤާމުން ވަކި ކުރުމަށް ވެސް ހަޅުތާލުގެ ބައިވެރިން ދަނީ ބާރު އަޅަމުންނެވެ.

އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ދާދިފަހުން ބޮޑެތި މުޒާހަރާތަކެއް ބާއްވާފައިވެއެވެ. އެ މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުން ބުނީ, 25 ޤައުމެއްގެ 130އަށްވުރެ ގިނަ ރަށުގައި ބޭއްވި މުޒާހަރާތަކުގައި އިންޑިޔާ ދަރިކޮޅުގެ އެތަކެއް ހާސް ބަޔެއްގެ އިތުރުން އެ ޤައުމުތަކުގެ ރައްޔިތުން ވެސް ބައިވެރިވި ކަމުގައެވެ. މުޒާހަރާތައް ފެށިގެން ދިޔައީ ޖަޕާނާއި, އޮސްޓްރޭލިޔާާއި, ތައިވާނާއި ސިންގަޕޫރުގައެވެ. އަދި އެއަށްފަހު, ވިލާތުގެ ޤައުމުތަކާއި އެމެރިކާގެ ބޮޑެތި ރަށްތަކަށް މުޒާހަރާތައް ވެސް މުޒާހަރާތައް ފެތުރިގެން ދިޔައެވެ.

2012ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އެ ޤައުމުގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.