ޚަބަރު

ކުޑަ ޤައުމަކަށްވީތީ އޭރު ބަސް ނުވިކުނު، ނަމަވެސް މިއަދު ދުނިޔޭގެ އެންމެ އުހުގައި


  • ރާއްޖެއަށް މިނިވަންކަން ލިބުނުތާ 57 ދުވަހުގެ ތެރޭގައި އދ.ގެ މެންބަރުކަން ހޯދި

  • ކުދި ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކޮށް އެތަކެއް މަސައްކަތެއް ކޮށްފައިވޭ

  • އދ. އާންމު މަޖިލީހުގެ ރައީސްކަން 2021 ވަނަ އަހަރު ހޯދި

ދިވެހިރާއްޖެއަށް 26 ޖުލައި 1965 ވަނަ އަހަރު މިނިވަންކަން ލިބިގެންދިޔައެވެ. މިނިވަންކަން ލިބުނުތާ 57 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ދުނިޔޭގެ ބޮޑެތި ޤައުމުތައް ހިމެނޭ އެންމެ ބޮޑު ޖަމާޢާތުގެ ބައިވެރިއަކަށްވާން ދިވެހިން ފޫގަޅައި އެކަން ކާމިޔާބުކުރިއެވެ.

ދިވެހިން އދ.އަށް ވަނީ ފޮނި ހުވަފެންތަކާއި އުންމީދުތަކާއެކު ނަމަވެސް، ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ޖާގަ ދީގެން ލިބޭނެ ފައިދާއަކާ މެދު ސުވާލުއުފައްދަމުން ދިޔައެވެ. އދ. ގައި ކުދި ޤައުމުތަކުގެ ބަހެއް އޭރަކު ނުވިކެއެވެ.

މި ކުޑަ ޖަޒީރާއަށް 21 ސެޕްޓެމްބަރު 1965 ގައި އދ. ގެ މެންބަރުކަން ލިބުންވެގެން ދިޔައީ، ދުނިޔޭގެ ކުޑަ ޤައުމުތަކަށް ލިބުނު ހިތްވަރަކަށެވެ. ދިވެހިން ނިކުތީ ކުޑަ ޤައުމުތަކާ މެދު އޭރު އޮތް ތަޞައްވުރު ބަދަލުކުރާށެވެ.

އިސްވެ މަސައްކަތް ފެށީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ވިލުންވެރިކަމަށެވެ. މެންބަރުކަން ލިބުމާއެކު އާންމު މަޖިލީހާއި އދ. އެހެން މަސައްކަތްތަކުގައި ދިވެހިން ބައިވެރިވާން ފެށިއެވެ.

މިގޮތުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ތިމާވެށްޓަށް ދެމުން ދިޔަ ގެއްލުންތަކުގެ ސަބަބުން ދުނިޔެ ހޫނުވެ ޖަޒީރާ ޤައުމުތައް އަޑިއަށް ހިނގައިދާނެކަމަށް ހީވެފައިވާ އޮތް ދަނޑިވަޅުގައި އެކަމަށް ވަކާލާތުކޮށް އަޑު އިއްވައި ދިނެވެ. އެގޮތުން 1989 ރާއްޖޭގައި ބޭއްވި ސްމޯލް ސްޓޭޓް ކޮންފަރެންސް އޮން ސީލެވެލް ރައިޒް ވެގެން ދިޔައީ "އެލައިއެންސް އޮފް ސްމާލް އައިލެންޑް ސްޓޭޓްސް" ނުވަތަ އެއޯސިސް އުފެއްދުމަށް މެދުވެރިވި އެއް ސަބަބަށެވެ.

ދިވެހިންނަކީ ވެށީގެ ހިމާޔަތުގައި އަޑުހަރު ބައެކެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކިޔައިދީ އެކަން ހާމަކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ޤައުމަކީވެސް މި ކުޑަ ރާއްޖެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމާއި، އިންސާނީ ހައްޤުތަށް ކަށަވަރުވުމާއި ހުރި ގުޅުން އދ. ހިއުމަން ރައިޓްސް ކައުންސިލަށް އަންގައިދިނެވެ. އަދި މިމަސައްކަތުގެ ކާމިޔާބީއަކީ އދ. ޚާއްޞަ މެންޑޭޓެއް އެކަމަށް ކަނޑައެޅި އެކަން ބެލުމަށް ރެޕަޓުއަރއެއް ކަނޑައެޅިގެން ދިއުމެވެ.

މިފަދަ އެތައް މަސައްކަތެއްގައި ދިވެހިން ބައިނަލްއަޤްވާމީ މައިދާނުގައި ސާބިތުވެ ހިތްވަރާއެކު މަސައްކަތްކޮށްފައިވެއެވެ. އެގޮތުން 2010 ވަނަ އަހަރު އދ. ހިއުމަން ރައިޓްސް ކައުންސިލުގެ މެންބަރުކަން ހޯދީ ކުޑަ ޤައުމަކަށް ލިބުނު އެންމެ ގިނަ ވޯޓާއެކުއެވެ. އެކައުންސިލުގައި ތަފާތު ދައިރާތަކުން ވަކާލާތުކޮށް، އިންސާނީ ހައްޤުތައް ދުނިޔޭގެ ކަންކޮޅުތަކުގައި ކަށަވަރުކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މި ކައުންސިލުގެ ތެރޭގައި ކުރި މަސައްކަތުން ކުދި ޤައުމުތަކަށާއި ތަރައްޤީނުވާ ޤައުމުތަކަށް ހާއްސަ ވޮލަންޓަރީ ފަންޑެއް ޤާއިމްކުރިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމަކަށް ރާއްޖެ ބަދަލުވުމާއެކު ކުދި ޤައުމުތަކަށް ހާއްސަ އެހީތެރިކަމެއް ބޭނުންވާކަން ފާހަގަކޮށް ދިވެހިން ވަކާލާތުކުރިއެވެ. މީގެ ސަބަބުން ދަރަޖަ ބަދަލުވާ ރާއްޖެ ފަދަ ޤައުމުތަކަށް އިތުރު ލުއިތަކެއް ފަހިވެގެން ދިޔައެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތުން ރާއްޖެ އދ. ފަދަ ޖަމާޢަތެއްގެ ބަސް ވިކޭ އަދި މުހިންމު ޤައުމަކަށްވިއެވެ. މިކަމުގެ އެންމެ މުހިންމު ހެއްކަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ދިވެހިރާއްޖެއަށް 2021 ވަނަ އަހަރު ލިބުމެވެ. އެ ދައުރު ތެރޭގައި ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ބޭއްވި 11 ވަނަ އިމެޖެންސީ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ޚަރީޖީ ވަޒީރު އަދި އޭރުގެ އދ. އާންމު މަޖިލީހުގެ ރައީސެވެ.

ރާއްޖޭގެ ވެރިކަން ކޮންމެ ފަސް އަހަރަކުން ބަދަލުވިއަސް ރާއްޖެ ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި ހަރު އަޑުން ވަކާލާތު ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައިވެސް އދ. އާންމު މަޖިލީހުގައި އެކި މައްސަލަތަކުގައި ރާއްޖެއިން ދަނީ ވަޒީރުންގެ ފެންވަރުގައިވެސް ވަކާލާތު ކުރަމުންނެވެ. މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނު މައްސަލައަށް ވަކާލާތު ކުރުން ފާހަގަކުރެވެއެވެ.

އދ. މަސައްކަތްތަކަށް އެމަނިކުފާނު ދެއްވާ އިސްކަމާއެކު އދ.ގެ 79ވަނަ އާންމު މަޖިލިހުގެ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވަރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި އާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ އިތުރުން އދ. ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަޤުރީރު ކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މުޅި ޖުމްލަ 14 ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އ.ދ އާއި ރާއްޖެއާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވުމަށް މިއީ އެމުނޭ އިތުރު ބޮޅެކެވެ.