ސްރީ ލަންކާގެ ވާދަވެރި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާއަކީ, އޭޝިޔާގެ އެންމެ ނާޒުކު އިޤުތިޞާދު ހަމަމަގަށް އަޅުވައި, އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި މާލީ ދަތިކަމުން އަރައިގަތުމެވެ. 38 ކެނޑިޑޭޓުން ވާދަކުރައްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު 17 މިލިޔަނަށް އަރައެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ކޮނޑުގައި ވެސް ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޢެއީ، 2022ވަނަ އަހަރުން ފެށިގެން އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީ ލަންކާގެ މާލީ ހާލަތު ރަނގަޅުކޮށް, ޤައުމު އަމާން އަައްސޭރިއަކަށް ގެންދެވޭނެ ކެނޑިޑޭޓަކު ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރުމެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވަމުން މި ދަނީ ބޭރު ފައިސާގެ ރިޒަރވް ހުސްވެ, އެ ޤައުމަށް ބޭރުގެ ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ސްރީ ލަންކާއަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވީ 2022ވަނަ އަހަރުއެވެ. އިންތިޚާބުުގައި ވާދަ ކުރައްވާ ހުރިހާ ކެނޑިޑޭޓުން ވެސް ވަނީ, އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަޢުދުވެ ވަޑައިގަންނަވާފައެވެ.
ދާދިފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަ ގޮތުގައި, އިންތިޚާބުގައި ތިން ކެނޑިޑޭޓަކު ވަރަށް ވާދަވެރިކޮށް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ރައީސް ރަނިލް ވިކްރަމަސިންހައާއި, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކައިގެ އިތުރުން އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސަ ހިމެނިވަޑައިގަންނަވައެވެ.
އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމު ކޮށްފައި ވަނީ ވަރަށް އަމާންކޮށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި 13,000 ވޯޓުލާ މަރުކަޒު ޤާއިމު ކޮށްފައިވާއިރު, ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމަށް 250,000އެއްހާ އޮފިޝަލުން ހަރަކާތްތެރިވަމުންދާ ކަމުގައި އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާގެ ވެރިޔާ އާރްއެމްއެލް ރަތުނަޔަނަކަ ހާމަކުރެއްވިއެވެ. ސްރީލަންކާ ގަޑިން ހަވީރު 4 ޖަހަންދެން ވޯޓު ފޮށިތައް ހުޅުވިފައި ހުންނާނެއެވެ.
"އަޅުގަނޑުމެން މި ތިބީ ބަދަލަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައި. ގިނަ ބަޔަކު ޤަބޫލު ކުރަނީ އެ ގޮތަށް. އަޅުގަނޑުމެން ޢާންމު ރައްޔިތުންގެ ކުރިމަގު ރަނގަޅު ވާނީ ޤައުމުގެ ކުރިމަގު ވެސް ރަނގަޅު ކޮށްގެން،" އިންތިޚާބުގައި ވޯޓުލާ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ނިރޯޝަން ޕެރޭރާ ބުންޏެވެ. އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ ވޯޓުލުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް ސުލްޙަވެރިކަމާއި އަމާންކަމާ އެކުގައި ކަމުގައެވެ. އަދި, އެ ކަން ކަށަވަރު ކުރުމަށް ގިނަ ޢަދަދެއްގެ ފުލުހުން ދަނީ ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ފޯރިމަރަމުންނެވެ.
2022ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ އެއިރުގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަގެ ސަރުކާރާ ދެކޮޅަށް ކޮލަމްބޯގައި ސިލްސިލާ މުޒާހަރާތަކެއް ކޮށްފައެވެ. އޭނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކޮށް ވަޑައިގަންނަވާފައި ވަނީ މުޒާހަރާތައް ހަމަނުޖެހުންގަނޑަކަށް ބަދަލުވެ, މަސްރަޙު ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެންނެވެ. ސްރީލަންކާގެ އިޤުތިޞާދު ހަމަމަގަށް އަޅުވަން އެ ޤައުމުގެ ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ވަނީ އެ ޤައުމަށް 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނެއް ދޫކޮށްފައެވެ.
ސްރީ ލަންކާގެ ޢާންމު ރައްޔިތުންގެ މެދުގައި މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި އިންފްލޭޝަނާއި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔުން ހިމެނެއެވެ. 2022ވަނަ އަހަރުގެ މާލީ ކާރިސާގެ ތެރެއިން އިންފްލޭޝަން ރޭޓު 70 އިންސައްތައަށް އުފުލިގެން ދިޔަ ނަމަވެސް, އެ މިންވަރު ވަނީ 0.5 އިންސައްތައަށް ތިރި ކުރެވިފައެވެ. އަދި, 2024ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް, އެތަކެއް މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ ފަގީރު ހާލުގައި, ދަރަނިވެރިކަމުގައެވެ.
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް, އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން 2027ވަނަ އަހަރާ ޖެހެންދެން ޙާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އަދި, އިޤުތިޞާދު ހަމަމަގަށް އަޅުވައި, ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯދައި, ފަގީރުކަން ނައްތައިލަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް ވޯޓުލާ މީހުންގެ 50 އިންސައްތަ ތާޢީދު ނުލިބިއްޖެ ނަމަ, އެ ޤައުމުގެ އައު ރައީސަކު ކަނޑައަޅާނީ ދެވަނަ ބުރަކުންނެވެ.