ދަރަނި ބޮޑުވެ އިޤުތިޞާދީ ކާރިސާއަކާ ޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަ ކުރި ހޯއްދަވައިފިއެވެ. ޤާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ދިސާނަޔަކައަކީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓެވެ.
ސްރީ ލަންކާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިލިޔަނެއްހާ ވޯޓު ގުނައި ނިމިފައިވާއިރު ދިސާނަޔަކަ ވަނީ އޭގެ ތެރެއިން 53 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އިދިކޮޅު ލީޑަރު, ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައަށް ތާޢީދު ކޮށްފައި ވަނީ އޭގެ ތެރެއިން 22 އިންސައްތަ މީހުންނެވެ. އަދި, ތިންވަނައިގައި އުޅުއްވަނީ ރައީސް ރަނިލް ވިކްރަމަސިންހައެވެ.
ސެޕްޓެންބަރު 21ވަނަ ދުވަހު ބާއްވާފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު 17 މިލިޔަނަށް އަރައެވެ. އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ އޭގެ ތެރެއިން 75 އިންސައްތަ މީހުން އިންތިޚާބުގައި ބައިވެރިވެފައިވާ ކަމުގައެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާގައި ކުރި ހޯއްދަވަމުން ގެންދަވާ ދިސާނަޔަކައިގެ ޖޭވީޕީ ޕާޓީއަކީ ކާލް މާކްސްގެ ސިޔާސީ އަދި އިޤުތިޞާދީ ސިޔާސަތުތަކަށް ބުރަވާ ޕާޓީއެކެވެ. ދައުލަތުގެ ބާރުތައް އިތުރުކޮށް, ޓެކުސްތައް ކުޑަކޮށް, ބޭރު ޤައުމުތަކާ އެކު ކުރާ ވިޔަފާރި މަދު ކުރަން ތާޢީދު ކުރާ ޕާޓީއެކެވެ. 55 އަހަރުގެ ދިސާނަޔަކަގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ޚިޔާނާތާއި ކޮރަޕްޝަން ހުޅުވިފައިވާ ދޮރުތައް ބަންދު ކުރައްވައި, ފަގީރުކަމުން އަރައިގަތުމަށް ޢާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހަރުދަނާ ފިިޔަވަޅުތަކެއް އެޅުއްވުން ހިމެނެއެވެ.
ވޯޓުލާ މީހުންގެ ކުރިމައްޗަށް އޭނާ ވަޑައިގަންނަވާފައި ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި, ވެރިކަމުގެ ފުރަތަމަ 45 ދުވަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް އުވައިލައްވައި, އޭނާގެ ސިޔާސަތުތަކަށް ތަން ދިނުމުގެ ގޮތުން ޢާންމު އިންތިޚާބެއް ބާއްވަވަން ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.
"ދިގު އަދި ބުރަ ކެމްޕޭނަކަށް ފަހު, އިންތިޚާބުގެ ނަތީޖާ އެ ވަނީ ސާފުވާން ފަށާފައި. އަޅުގަނޑަކީ ރައީސް ރަނިލް ވިކްރަމަސިންހައަށް ތާޢީދު ހޯދައިދިނުމަށް ފުޅާކޮށް ކެމްޕޭން ކޮށްދިން މީހެއް. ނަމަވެސް, ސްރީ ލަންކާގެ ރައްޔިތުން އެ މީހުން ބޭނުންވާ ގޮތް ނިންމައިފި. އަދި, އެ މީހުން އަނުރަ ކުމާރަ ދިސާނަޔަކައިގެ ސިޔާސަތުތަކަށް ކުރާ ތާޢީދަށް އަޅުގަނޑު އިޙުތިރާމު ކުރަން،" ސްރީ ލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވިއެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ.
އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް އެ ޤައުމުގެ ރައްޔިތުން ވެރިރަށް ކޮލަމްބޯގައި ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެއިރުގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ ވަނީ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވައި, އިސްތިޢުފާ ދެއްވާފައެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ވިކްރަމަސިންހައެވެ.
ސްރީ ލަންކާގެ އިޤުތީޞާދު ހަމަމަގަށް އަޅުވަން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕުރޮގުރާމެއްގައި އެ ޤައުމުން ވަނީ ބައިވެރިވެފައެވެ. އައިއެމްއެފްގެ ލޯނާ އެކު ސްރީ ލަންކާގެ އިޤުތިޞާދަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވީ ނަމަވެސް, ތަކެތީގެ އަގުތައް އުފުލިފައި އޮތުމަކީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
2022ވަނަ އަހަރުގެ މާލީ ކާރިސާގެ ތެރެއިން އިންފްލޭޝަން ރޭޓު 70 އިންސައްތައަށް އުފުލިގެން ދިޔަ ނަމަވެސް, އެ މިންވަރު ވަނީ 0.5 އިންސައްތައަށް ތިރި ކުރެވިފައެވެ. އަދި, 2024ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް, އެތަކެއް މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ ފަގީރު ހާލުގައި, ދަރަނިވެރިކަމުގައެވެ.
ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް, އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން 2027ވަނަ އަހަރާ ޖެހެންދެން ޙާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އަދި, އިޤުތިޞާދު ހަމަމަގަށް އަޅުވައި, ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯދައި, ފަގީރުކަން ނައްތައިލަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާގައި ދިސާނަޔަކަ ކުރި ހޯއްދަވަމުން ގެންދެވި ނަމަވެސް, ޓެކުސްތައް ދަށް ކުރައްވަން އޭނާ ވެވަޑައިގަންނަވާފައިވާ ވަޢުދާ އެކު އާމްދަނީ ދަށަށް ދާނެ ކަމަށް ބެލެވެއެވެ. އެއާ އެކު, އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.