ޚަބަރު

ޔަހޫދީންގެ ކިބައިން ބަދަލު ހިފަން ޚައިފާއަށް ވަރުގަދަ ޙަމަލާތަކެއް


ލުބްނާންގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޔަހޫދީންގެ މުހިއްމު ރަށެއް ކަމުގައިވާ ޚައިފާއަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެއީ, ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެވެ.

ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދުު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39އަށް އުފުލިފައެވެ. އަދި, 3,000އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާއިރު, އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙީ އިދާރާއިން ހާމަކުރިއެވެ. ޙިޒްބުاللهން ބުނީ, އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ދައުލަތުގެ އުތުރުގައި އޮންނަ ޚައިފާއަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ.

ޚައިފާއަށް ދިން ޙަމަލާތަކުގައި ބައެއް އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, ބައެއް މީހުންނަށް ޒަޚަމުވެގެން ފަރުވާ ދޭން ޖެހުނެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި, ލުބްނާނުގެ އިތުރުން ޢިރާޤުން ފޮނުވައިލި ރޮކެޓުތައް ދިފާޢު ކުރަން, އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރިއެވެ. ޙަމަލާތަކާ ގުޅިގެން ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކާއި, ޔަހޫދީން ވެރިވެގަނެފައިވާ ޖޫލާންގެ އުސް ބިންތަކުގައި މަދަރުސާތައް ބަންދުކޮށް, ޢާންމު އެއްވުންތައް މަނާ ކުރިއެވެ.

ޚައިފާއަށް ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނީ, ލުބްނާންގެ ވެރިރަށް ބައިރޫތަށް ވައިގެ ޙަމަލާތަކެއްދީ, ޔަހޫދީ ފައުޖުން 39 މީހަކު ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ ދެ ކޮމާންޑަރުން ކަމުގައިވާ އިބްރާހީމް ޢަޤީލާއި އަޙްމަދު ވަހަބީ ހިމެނެއެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ރަޟްވާން ލަޝްކަރުގެ 16 މުޖާހިދުން ޝަހީދު ކޮށްލާފައިވާ ކަން އެ ޖަމާޢަތުން ހާމަ ކުރިއެވެ.

ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުގެ މި އަހަރު ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް ދެ އިމާރާތަކަށް އަމާޒު ކޮށްފައިވާއިރު, އެ ދެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލުބްނާންގެ މަދަނީ ސަލާމަތާ ބެހޭ އޮފިޝަލުން ބުނީ, ސުންނާފަތި ކޮށްލާފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކޮށް, ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ބައިރޫތަށް ވައިގެ ޙަމަލާތައް ދީފައި ވަނީ ޢަޤީލާއި ޙިޒްބުاللهގެ މުޖާހިދުން ބައްދަލުވުމެއް ބާއްވަމުން ދިޔަ އިމާރާތަކަށެވެ. އެ ޙަމަލާގައި އެ އިމާރާތާ އިންވެގެން ހުރި ނަރސަރީއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި މައުސޫމު ތިން ކުޑަކުދިންނާއި, ކުށެއް ނެތް ހަތް އަންހެނުން ހިމެނޭ ކަމުގައެވެ.

ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖުން އަދިވެސް މެދުކެނޑުމެއް ނެތި ޙަމަލާތައް ބަދަލު ކުރަމުންދާއިރު, ޔަހޫދީ ފައުޖުން ބުނީ ލުބްނާންގެ 290އެއްހާ އަމާޒަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ މުޖާހިދުންނަށް ކަމަށް ޔަހޫދީ ފައުޖުން ބުނި ނަމަވެސް, ޙަޤީޤަތަކީ ލުބްނާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށް ޔަހޫދީ ފައުޖުން އެއްވެސް ރަޙުމެއް އަދި ބެލުމެއް ނެތި ބޮން އަޅަމުންދާ ކަމެވެ.

ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރު ކުރުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވަނީ އދގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ. ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން އިތުރުވެ, ނުރައްކާތެތިވުމާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެ ކަމާ މެދު އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަވިލަން ކަންބޮޑުވުން ފާޅު ކުރައްވާފައިވީ ނަމަވެސް, ޔަހޫދީ ފައުޖުން ޙިޒްބުاللهގެ ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލުމާ ގުޅިގެން އޭނާ ވަނީ އެއީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. "ހާލަތު ނުރައްކާތެރިވުމުގެ ހިރާސް އޮތް ނަމަވެސް, ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނެސް, [ލުބްނާނާއި އިސްރާއީލް ގުޅޭ] ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ފުރުޞަތު އޮތް ކަމަށް ޤަބޫލު ކުރަން،" އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުاللهން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމުގެ ގޮތުންނެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީ ފައުުޖުން ދެކޮޅު ހަދަމުންދާ ނަމަ, ޙިޒްބުاللهގެ ޙަމަލާތައް ވެސް ހުއްޓުމަކަށް ނުގެންނާނެ ކަމަށް އެ ޖަމާޢަތުން ބުންޏެވެ.

ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ އަދި ނުރައްކާތެރި ހަނގުރާމައެއް ފެށުމަށް ޔަހޫދީން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ދަނީ އިތުރުވަމުންނެވެ. ޔަހޫދީ ފައުޖުން ދަނީ ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ ޢަދަދެއްގެ ބަރުހަތިޔާރާއި ހައްދުފަހަނަ އެޅި ސިފައިން ޖަމާ ކުރަމުންނެވެ. އޭގެ ތެރޭގައި, ޔަހޫދީ ފައުޖުގައި ހިމެނޭ އެންމެ ޖައްބާރުކަން ބޮޑު ޔުނިޓުތަކުގެ ސިފައިން ވެސް ހިމެނެއެވެ.