ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޤާއިމުކުރާ ޚާއްސަ ޕޯޓަލް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރާނެކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވެއްޖެއެވެ.
ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ސްޓޭޓްފާމާއިން ވިދާޅުވީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރާ ޕޯޓަލްއަކީ، ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްޔިތު މީހާއަށް، ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާކުރާނެ ޕޯޓަލްއެއް ކަމަށެވެ.
ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށާއި އެކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ، މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށާއި ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ، ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭސް ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށެވެ.