ކެންސަރުބައްޔަށް ފަރުވާކުރުމަށްފަހު ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ނެރެފިއެވެ.
"ކުޑަކުދިންގެ ކެންސަރުބަލީގެ ފަރުވާއަށްފަހު މުޖުތަމަޢުއިން ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ އަތްމަތީ ފޮތް" މިނަމުގައި ފޮތެއް ނެރެފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިންނެވެ.
އެ ޖަމިއްޔާއިން ބުނީ ފޮތް އެކުލަވާލާފައިވަނީ ދިރާގާއި ޔުނިސެފާއި ތަޢުލީމީ ވުޒާރާއާއި ގުޅިގެން ކަމަށެވެ.
މި ފޮތް ނެރުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެންސަރ ސޮސައިޓީއޮފް މޯލްޑިވްސްގެ ޗެއަރޕާސަން ޖުވޭރިއާ ސަޢީދު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރުމަހަކީ ކުޑަކުދިންނަށް ޖެހޭ ކެންސަރުބައްޔާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ މަސްކަމަށާއި މިގޮތުން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.
ޖުވޭރިއާ ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާކުރުމަށްފަހު އެ ބަލިން ރަނގަޅުވާ ކުޑަކުދިންނަށް އަމިއްލަ ދިރިއުޅުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. މިހެން ދިމާވަނީ ކެންސަރުބަލިން ރަނގަޅުވުމަށްފަހުވެސް އޭގެ ބައެއް އަސަރުތައް ކުއްޖާއަށް ކުރާތީކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ އަހަރަކުވެސް 400،000 އަށްވުރެ ގިނަ ކުޑަކުދިން ދުނިޔޭގަިއ ކެންސަރުބަލި ތަޙައްމަލު ކުރޭ. ރާއްޖޭގައިވެސް މި ބަލިން ރަނގަޅުވުމަށް ބޮޑު ކަރަދެއް ކުރޭ. ބޭރަށް މީހުން ދަތުރުކުރޭ. އެގޮތުން އާސަންދައިގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު އާސަންދަ ބަޖެޓުން 4.5 އިންސައްތަ ޚަރަދުކޮށްފައިވަނީ ކުޑަކުދިންނަށް ކެންސަރު ޖެހިގެން ފަރުވާ ހޯދުމަށް." ޖުވޭރިއާ ވިދާޅުވިއެވެ.
ކެންސަރު ބައްޔަށް ފަރުވާކުރުމަށްފަހު ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތް ނެރެދެއްވީ ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާޢިލް ރަޝީދާއި ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދާއި ކެންސަރ ސޮސައިޓީގެ ޗެއަރޕާސަނާއި ޔުނިސެފްގެ ޑެޕިޔުޓީ ރެޕްރެޒެންޓޭޓިވް އިޒީ ފެއިންގޯލްޑެވެ.
ކެންސަރ ސޮއިޓީން މަޢުލޫމާތު ދޭ ގޮތުގައި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މީހުންނަށް މި ނެރެވުނު ފޮތުން ގިނަ ފައިދާތަކެއް ކުރާނެއެވެ. އަދި މި ފޮތަށް ސްކޫލުތަކުގެ ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއްކުރާނެކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި ކެންސަރުޖެހުމަށް މެދުވެރިވާ ސަބަބުތަކާއި މިބަލިން ރައްކާތެރިވުމަށް ބޭނުންވާނެ މަޢުލޫމާތު ޢާންމުންނަށް ދީ ހޭލުންތެރިކުރުވައި، ކެންސަރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ކެންސަރާ ބެހޭގޮތުން ދިރާސާތައްކުރުމާއި ތަފާސް ހިސާބު އެއްކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.