ވިޔަފާރި

"ރެޑިސަން ބްލޫ ހޮޓާ" ވިއްކާލުމަށް އެސްޓީއޯއިން ނިންމައިފި


އެސްޓީއޯ އިން 2012 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ޢިމާރާތް ކުރަން ފެށި، "ރެޑިސަން ބްލޫ ހޮޓާ" އެހެން ބަޔަކަށް ވިއްކާލުމަށް އެ ކުންފުނިން ނިންމާފައިވާކަަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވެެއްޖެއެެވެ. ޝަހީރު މިހެން ވިދާޅުވީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ ރެޑިސަން ބްލޫ ހޮޓާ ވިއްކާލަން ނިންމެވީ އެތަން ހަދައިގެން އަމިއްލައަށް ހިންގުމަށް ވުރެ ކުންފުންޏަށް ފައިދާ ވާނީ އެތަން ބަޔަކަށް ވިއްކާލުމުން ކަމަށް ކުންފުނީގެ ބޯޑަށް ފެންނާތީ ކަމަށެވެ. އެގޮތުން އެހޮޓާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކާއިއެކު މިހާރު މަޝްވަރާކުރަމުންދާކަމަށް ޝަހީރު ވިދާޅުވިއެވެ.

ރެޑިސަން ބްލޫ ހޯޓާ ވިއްކާލާނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ލިބޭ ގޮތަށް އަދި ކުންފުންޏަށް ވެސް އެންމެ ބޮޑު މާލީ ފައިދާތަކެއް ލިބޭނެ ގޮތްތަކެއް ބަލާާފައި ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އެމެރިކާގެ ކާލްސަން ގުރޫޕާއެކު 2008 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން އެހޮޓާ އިމާރާތް ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުގެ މެދުތެރޭގައެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ރެޑިސަން ހޮޓަލަކީ 250 ރޫމް 500 އެނދުގެ ހޮޓަލެކެވެ. މިހާތަނަށް ކުރި މަސައްކަތުން ރެޑިސަން ބްލޫ ހޮޓަލުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެސްޓިއޯއިން މައުލޫމާތުދެއެވެ.