މިމަހުގެ ފުރަތަމަ 2 ހަފްތާގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ދިރާގުގެ ކަސްޓަމަރަކަށް އައިފޯން 16 އެއް ދިނުމަށް ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ އައިފޯން 16 ލިބޭ ޕްރޮމޯޝަންގައި ގުރުއަތުލާނީ އެކުންފުނިން އިޢުލާންކޮށްފައިވާ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުށައަޅާފައިވާ ކަސްޓަމަރުންގެ މެދުގައި ކަމަށެވެ.
ދިރާގުގެ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަނަކީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިޢުލާންކޮށްފައިވާ އެންމެ އަގުބޮޑު އިނާމް ލިބޭ ޕްރޮމޯޝަނެވެ. މި އިނާމް ލިބޭ ކަސްޓަމަރަކު ކަނޑައެޅުމަށް ގުރުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ މިރުޝާން ޙަސަން ވިދާޅުވީ، ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1.6 މިލިޔަން ރުފިޔާގެ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ބޯޓެއް ދޭން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މޮބައިލް އިންޓަނެޓް ޚިދުމަތްތަކުގެ އިތުރަށް ތަޖުރިބާތަކާ ޚިދުމަތްތައް އަޅުގަނޑުމެންގެ ކަސްޓަމަރުންނާ ހިސާބަށް ގެނެސްދޭން ބޭނުންވޭ. އެގޮތުން މީގެ ކުރިން އަހަރީ ދުވަހާ ގުޅުވައިގެން އަޅުގަނޑުމެން އިޢުލާން ކުރިން ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން. މިއީ މިދިޔަ އަހަރުގެ އަހަރީ ޕްރޮމޯޝަނަށްވުރެ އަގުބޮޑު އިނާމެއް." މިރުޝާން ވިދާޅުވިއެވެ.
ދިރާގުން މަޢުލޫމާތު ދޭ ގޮތުގައި އައިފޯން ޕްރޮމޯޝަންގެ އިތުރުން މިމަހު ދިރާގުން ކުރިއަށްގެންދާ ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި 7 ރައްޓެހިންނާއެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބޭނެކަމަށްވެސް ދިރާގުން މަޢުލޫމާތު ދެއެވެ.
މިދިޔަ އަހަރުވެސް ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ އިނާމްތަކެއް ހުށައަޅާފައިވެއެވެ. އެގޮތުން ގުރުއަތުން ހޮވުނު ކަސްޓަމަރަކަށް ދިރާގުން ވަނީ ދުނިޔޭގެ މަޝްހޫރު ކާރު ބްރޭންޑެއްކަމަށްވާ ޓެސްލާ ބްރޭންޑުގެ ކާރެއް ދީފައެވެ.