ޚަބަރު

ޑްރޯން ބޭނުންކުރުމާ ގުޅޭ ޤަވާއިދަށް އަންނަ މަހުގެ 15 އާއި ހަމައަށް ޚިޔާލު ހުށައެޅޭނެ


  • ޚިޔާލަށް ހުޅުވާލީ މިއަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު

  • މުއައްސަސާ، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް އަދި އަމިއްލަ ފަރުދުންނަށް ޚިޔާލު ހުށަހެޅޭނެ

މަދަނީ މާޙައުލުގައި ޑްރޯން ދުއްވުމާ ބެހޭ ޤަވާއިދުތަކާއެކު، ޑްރޯން އޮޕަރޭޝަންތަކާބެހޭ އެންމެހާ ކަންކަން ދަޢުލަތުން ބެލެހެއްޓުމުގެ ތަރަހައިގެ ތެރޭގައި ވީހާވެސް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ފުރުޞަތުތައް ފަހިވާނެކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އާއްމު ފަރާތްތަކާއި ވިޔަފާރީގެ އެކި ބޭނުންތަކަށް ޑްރޯން ބޭނުންކުރުމުގައި ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކުލަވާލާ ޤަވާއިދުތަކަށް ޚިޔާލާ މަޝްވަރާ ހުށައެޅުމުގެ ފުރުޞަތު ސީއޭއޭއިން މިހާރު ވަނީ ހުޅުވާލާފައެވެ.

ފުރުޞަތު ހުޅުވާލީ މިއަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. ޚިޔާލަށް ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

ޑްރޯންއާބެހޭ ޔޫރަޕުގެ މަދަނީ ޤަވާޢިދުތައް އަސްލަކަށް ބަލައިގެން އެކުލަވާލި މި ޤަވާއިދުތަކުގެ މަޤުޞަދަކީ ސަލާމަތާއި އަމާންކަމާއި އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެގޮތަށް ޑްރޯން ދުއްވުމުގެ ފުރުޞަތު ހުޅުވާލުންކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއެވެ. މީގެއިތުރުން ވިޔާފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހިމާހައުލެއް ގާއިމުކުރުންކަމަށެވެ.

ސީއޭއޭގެ ވެބްސައިޓްގައި ވަނީ ޔޫރަޕްގެ މަދަނީ ޤަވައިދުތައް އަސްކަމަށް ބަލައިގެން އެލަވާލާފައިވާ "މަދަނީ މާހައުލުގައި ޑްރޯން ދުއްވުމާބެހޭ ޤަވާޢިދު" ގެ ޑްރާފްޓްތައް ހިމަނާފައެވެ.


ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނަށްވެސް މަޝްވަރާއާއި ޚިޔާލު ހުށަހެޅޭނެއެވެ. އަދި އެފަރާތްތަކުން ރާއްޖޭގެ ޤަވާޢިދުތަކުގައި ހިމަނަން ބޭނުންވާ ހަމަތައް ސަބަބުތަކާއެކު ހުށަހެޅޭނެއެވެ.

ޑްރޯން އޮޕަރޭޓްކޮށްގެން ކުރާ ވިޔަފާރީގެ މަސައްކަތްތަކާއި އިޝްތިހާރު ކުރުމާއި މާކެޓްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުންގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން މި ޤަވާޢިދުތައް އެކުލަވާލުމަށް މުހިންމުކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ދެކެއެވެ.

އޮތޯރިޓީގެ ޤަވާޢިދުތަކުގައި ޑްރޯން އޮޕަރޭޓުކުރުން ބެހިފައިވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ އޯޕަން، ސްޕެސިފިކް އަދި ސެޓިފައިޑް ކެޓަގަރީއެވެ. މި ބައިތަކުގައި ކަނޑައަޅަނީ ޑްރޯން ދުއްވޭ ސަރަޙައްދުތަކާއި ހުއްދަދޭ މިންގަނޑުތަކެވެ.

މި ޤަވާއިދުގައި ބުނާގޮތުން އަދި ޑްރޯން ދުއްވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ޑްރޯން ދުއްވާ ޕައިލެޓުންގެ ފެންވަރުވެސް ކަނޑައަޅާނެއެވެ. އޭގެ ބޭނުމަކީ ޑްރޯންގެ މަޢުލޫމާތާއި އެ ޑްރޯންއަކަށް ދީފައިވާ ހުއްދަތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ހޯދޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ ޤަވާއިދުގެ މަސައްކަތްތައް ނިމި އޭގެ ދަށުން މަސައްކަތްތައް ފެށުމުން ފުލުހުންނާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ކަމާ ގުޅުންހުރި ފަރާތްތަކަށް އެ އުދުއްސާ ޑްރޯންއެއްގެ މަޢުލޫމާތު ވަގުތުން ބަލާލެވޭނެކަމަށެވެ. މި ނިޒާމާއެކު ޑޮރޯން ބޭނުންކުރުމުގައި ހަރުދަނާ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅޭނެއެވެ. މީގެތެރޭގައި ކެމެރާ ބޭނުންކުރާ ޑްރޯންއާއި ކެމެރާ ނެތި އެކި ބޭނުންތަކަށް ބޭނުންކުރާ ޑްރޯންތަކުގެ ޤަވައިދުތައް ތަފާތުވާނެއެވެ.

ސީއޭއޭއިން ވިދާޅުވީ މި ޤަވާއިދުގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާ، ތަންފީޒުކުރަން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކުލަވާލަނީ މަދަނީ ވައިގެ ދަތުރުފަތުރާއި ބެހޭ ޤަވާއިދުތަކެވެ. ޑްރޯންގެ ޤަވާއިދުތައްވެސް ހިމެނެނީ މަދަނީ ބޭނުމުގެ ތަރަޙައިގެ ތެރޭގައި ކަމުގައިވާތީ އަސްކަރީ ޑްރޯން ޙަރަކާތްތަކުގެ މައްޗަށް މި ޤަވާޢިދުތަކެއް ނުހިނގާނެއެވެ. ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ޑްރޯން ތަކާއި އަސްކަރިއްޔާގެ ޑްރޯން އޮޕަަރޭޝަންތަކުގެ މައްޗަށް ހިނގާނީ އަސްކަރިއްޔާގެ ޤަވާޢިދުތަކެވެ.