ތަޢުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓީޗަރުން ބިނާކޮށް ކުރިއެރުމަށް ހޭދަކުރަން ޖެހޭކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމާބެހޭ ވަޒީރު މިހެން ވިދާޅުވީ، އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް، ސައިޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) 3 ވަނަ ތަޢުލީމީ ވަޒީރުންގެ މަހާސިންތާގައި ތަޤުރީރު ކުރައްވަމުންނެވެ.
މިމަހުގެ 2-3 އަށް އޮމާނުގައި ކުރިއަށްދިޔަ މަހާސިންތާގައި ތަޤުރީރު ކުރައްވަމުން ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ، ލާނިން ޕަވަޓީ ނުވަތަ 10 އަހަރުގެ ދަށުގެ ކުދިންނަށް ލިޔަން ކިޔަން ނޭނގޭ މިންވަރު ހުރީ ވަރަށް މަތީގައި ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން ޓްރާންސްފޯމިންގް އެޑިއުކޭޝަން ސަމިޓުގެ ތެރެއިން އެކުލަވާލެވުނު މަގުޗާޓުގައި މިގޮންޖެހުންތައް ހައްލު ކުރުމަށް ތަންފީޒީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު މިމަސައްކަތްކުރުމަށް އަމާޒު ހިފާއިރު އައިސެސްކޯގެ އަމާޒުތައް ދިވެހި ސަރުކާރުގެ އަމާޒުތަކާއި ދިމާވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާއިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ފަށާ ތަޢުލީމުގެ ފެންވަރުގައި އަދި ސާނަވީ ތަޢުލީމުގެ ފެންވަރުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަޢުލީމީ ނިޒާމުގައި ފަންނިއްޔާތު ކުރިއަރުވައި، ޓީޗަރުން ބިނާކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ޓީޗަރުންނަކީ ތަޢުލީމީ ނިޒާމުގެ މައިބަދަކަން ފާހަގަކުރައްވާ ވަޒީރު ވަނީ ދުނިޔޭގައި ޓީޗަރުން ބިނާ ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޔުނެސްކޯއާއި ހަވާލާދެއްވާ ވަޒީރު ވިދާޅުވީ، 2030 ވަނަ އަހަރު އަންނަނަ ވާއިރަށް، ފަށާ ތަޢުލީމު އަދި ސާނަވީ ތަޢުލީމުގެ ނިޒާމު ފުރިހަމަ ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް އެއްކޮށް އިތުރު 40 މިލިއަން ޓީޗަރުން ބިނާކުރަން ޖެހޭ ކަމަށެވެ. ކަންމިހެން އޮތްއިރު އިސްލާމީ ޤައުމުތަކުގައި ޝަރުތުހަމަވާ ޓީޗަރުން މަދުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޓީޗަރުން ބިނާކޮށް ކުރިއެރުވުމަށް ހޭދަކުރަން ޖެހިފައިވާކަން ފާހަގަކޮށްފައެވެ.
ތަޢުލީމާބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، އެ ޤައުމުގެ ދަރިވަރުންގެ ތަޢުލީމަށް އަޅަމުންދާ ހުރަސްތައް ނައްތާލައި އެކުދިންނަށް އިންސާފު ހޯދައިދެއްވުމަށް ގޮވާލައްވަމުންނެވެ.